Advertisement

މެރާކީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލި ދެ މީހުން ޖޫރިމަނާކޮށްފި

މެރާކީގެ ބިއްލޫރިގަނޑު ތަޅާލުން: އެ މައްސަލައިގައި ދެ މީހުން ވަނީ ޖޫރިމަނާ ކޮށްފައި -- ފޮޓޯ: ރާއްޖެއެމްވީ


މެރާކީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލި ދެ މީހުން ޖޫރިމަނާކޮށްފި

މާލޭގެ ހުސްނުހީނާމަގުގައި ހުންނަ މަޝްހޫރު މެރާކީ ކޮފީ ރޯސްޓާސް ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މެރާކީ ކެފޭގެ ބޭރުގައި އަންހެނުން ފިރިހެން ނުވުމަށް އަދި ފިރިހެނުން އަންހެން ނުވުމަށް ލިޔެފައި ހުރި ސްޓިކީ ނޯޓެއް ތަތް ކުރުމަށްފަހު، ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ މއ. ޝިރުމީނާއާބާދު، ތަސްލީމް އާދަމް އާއި މއ. ނަހީދީމަންޒިލް, ސިބާހް ޝަރީފްގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނީ ދައުލަތުން އުފުލި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަށް އެ ދެ މީހުން އިންކާރު ކުރި ނަމަވެސް، ދައުވާއާ ގުޅިގެން ޕްރޮސެކިއުޝަންއިން ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ނޮވެމްބަރު، 2019، ގައި މެރާކީގެ ބިއްލޫރިގަނޑު ތަޅާލުމުގައި ތަސްލީމް އާދަމް އާއި ސިބާހް ޝަރީފް ބައިވެރިވިކަން ފުލުހުން ދެނެގަތީ ސީސީޓީވީ ފުޓޭޖުގެ އެހީގަ އެވެ. އެންމެ ވަރުގަދަ ހެއްކެއްގެ ގޮތުގައި ވެސް ދައުލަތުން ހުށަހެޅީ ސީސީޓީވީ ފުޓޭޖެވެ.

ސީސީޓީވީ ފުޓޭޖުން ތަސްލީމް އާދަމް މެރާކީ ކެފޭގައި ސްޓިކީ ނޯޓު ހަރު ކުރި ކަން އެނގެ އެވެ. އަދި ޕޭމަންޓް ގަލަކުން މެރާކީގެ ބިއްލޫރިގަނޑު ތަޅާލީ ތަސްލީމްކަން ވެސް ސީސީޓީވީން އެނގެ އެވެ. އެކަމަށް ސިބާހް އެހީތެރިވިކަން ވެސް އެނގެ އެވެ.

މިގޮތުން، ތަސްލީމް އާދަމް އާއި ސިބާހް ޝަރީފްއަށް އަދަބެއްގެ ގޮތުން ދެ މަހާއި 19 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެ ދެ މީހުންގެ ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރި އެވެ. ޖޫރިމަނާއެއް ގޮތުގައި ދައުލަތަށް ދައްކަން ޖެހެނީ ކޮންމެ މީހަކު 15،800ރ. އެވެ.

ހުކުމުގައި ތަސްލީމް އާދަމް އާއި ސިބާހް ޝަރީފްގެ މައްޗަށް 12 މަސް ތެރޭގައި ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް ވަނީ އަމުރު ކޮށްފަ އެވެ.