Advertisement

ޓެކްސް ބޮޑުކުރާ ބިލުތައް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ގާސިމް، ނައިބަކަށް ފަޒާދު

27 އޮކްޓޯބަރު 2024 - 10:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ޓެކްސް ބޮޑުކުރާ ބިލުތައް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ގާސިމް، ނައިބަކަށް ފަޒާދު

27 އޮކްޓޯބަރު 2024 - 10:48 0

އެކި ޓެކްސްތަކާއި، ފީ، އަދި ޑިއުޓީތައް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހަތަރު ބިލެއް ދިރާސާ ކުރުމަށް އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު އަދި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހޮވައިފި އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މުގައްރިރަކަށް ގާސިމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ ނަން ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު އެވެ.

ގާސިމް އަދި ފަޒާދު ހޮވުނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ކޮމިޓީން ދިރާސާކުރާ ބިލުތަކަކީ ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑުކުރަން ޓޫރިޒަމާ ބެހޭ ގާނޫނާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ހުށަހަޅުއްވާފައިވާ ދެ ބިލާއި، ނޮވެމްބަރު 15، އާ ހަމައަށް އެތެރެކުރާ ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރަން އަދި ސިގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ އަދި ޓެކްސް ބޮޑުކުރަން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި ދެ ބިލެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ މި ހަތަރު ބިލުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމަންވެސް ފާސްކޮށްފަ އެވެ. އަދި ބިލުތަކަށް އާންމުންގެ ހިޔާލު ހޯދުން މާދަމާ މެންދުރު 2:00 އާ ހަމައަށް ހުޅުވާލަންވެސް ވަނީ ފާސްކޮށްފަ އެވެ.

އެއީ އެކަށީގެންވާ މުއްދަތެއްތޯ ސުވާލު އުފައްދާ އިދިކޮޅާއި ސަރުކާރު މެންބަރުން ވަނީ ބަހުސްކޮށްފަ އެވެ. އެ މުއްދަތު ފަސް ދުވަހަށް ހެދުމަށް އިދިކޮޅުން ހުށަހެޅި ނަމަވެސް ކޮމިޓީގައި އޮތް ސަރުކާރުގެ މެޖޯރިޓީން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފަ އެވެ.