27 އޮކްޓޯބަރު 2024 - 06:57 1
ލީވާން އަލީ ނާސިރު
ޝައިޚު ހުސައިން އަބްދުއްރަހުމާންގެ ހިދުމަތުގެ އަގު ވަންޒަންކުރުމުގެ ގޮތުން ހައިކޯޓުން ދިން ހާއްސަ ގައުންކޮޅާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
27 އޮކްޓޯބަރު 2024 - 06:57 1
އަލްމަރުހޫމް ޝައިހް ހުސައިން އަބްދުއްރައްމާން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކުރައްވައި އެރުވި ފަނޑިޔާރުންގެ ހާއްސަ ގައުންކޮޅާ، ދަރިކަލުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންފި އެވެ.
ގައުންކޮޅަކީ، ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ތުރުކުރައްވައިގެން ހުންނަވާ ހާއްސަ ހެދުމެވެ.
ހައިކޯޓުން އިންތިޒާމްކޮށްގެން ސީއެޗްއެސްއީގައި ރޭ ބޭއްވި "އިސްތިރާޖީ އަމަލީ ތަދުބީރު 2025-2027" ކުރުމުގެ ރަސްމިއްޔާތުގައި ޝައިހް އަލްމަރުހޫމް އަބްދުއްރަހްމާންގެ އިތުރުން ހައި ކޯޓުގައި ހިދުމަތް ކުރެއްވި ހުރިހާ ފަނޑިޔާރުންގެ އަގުވަޒަން ކުރެއްވި އެވެ.
ޝައިހް އަލްމަރުހޫމް އަބްދުއްރަހްމާންއަކީ 1980 ގައި ދިވެހިރާއްޖޭގެ ހައިކޯޓު އުފެދުނުއިރު އެ ކޯޓަށް ފުރަތަމަ އައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ޝަރީއާތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ.
ޝައިހް އަލްމަރުހޫމް އަބްދުއްރަހްމާން ވަނީ، ބަންޑާރަނާއިބުގެ އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، އެޓާނީ ޖެނެރަލްގެ ނައިބުކަމުގެ މަގާމު ފުރުައްވައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އިސްލާމީ ތައުލީމުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް މަސްއޫލުވެރިއެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ޝައިހް އަލްމަރުހޫމް އަބްދުއްރަހްމާން އަވަހާރަވީ 2015 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެން މައްކާގައި ހުންނަވަނިކޮށެވެ. އެ ދަތުރުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ. އޭރު އެ މަނިކުފާނު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ހިދުމަތުން މިހާރު ވަކިވެ ވަޑައިގެންފައިވާ 28 ބޭފުޅަކަށް އަދާ ކުރެއްވި ހިދުމަތުގެ ގައުންކޮޅު ހަވާލު ކޮށްދެއްވި އެވެ. އަދި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ދެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރެއްވި އެވެ. އަދި ފާއިތުވި އަހަރު ގަޑި ނުޖެހި އެންމެ ގިނަ ދުވަހު ހާޒިރުވިތިން މުވައްޒަފަކަށް ވެސް ހަނދާނީ ލިޔުން ހަވާލުކުރެއްވި އެވެ.
ކުރިއަށް އޮތް ދެ އަހަރު އަމަލު ކުރުމަށް އެކުލަވާލައި އެ ޖަލްސާގައި އިފުތިތާހު ކުރި ދިވެހިރާއްޖޭގެ ހައިކޯޓުގު އިސްތިރާޖީ އަމަލީ ތަދުބީރުގެ މައިގަނޑު މަގުސަދަކީ ދުރުރާސްތާގެ އިސްތިރާޖުތަކެއްގެ ތެރެއިން ނިޒާމީ ހައްލުތަކެއް ހޯދުމެވެ.
Comment