ތުރުކުމެނިސްތާންގެ އަކްރަޑަގް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޯވިޗް - ފޮޓޯ: އަތޫފް އާތިފް / އަދަދު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އޭއެފްސީ ޗެލެންޖް ލީގަށް ކުވައިތައް އައީ ހުވަފެންތަކެއް ދެކި، އުންމީދުތަކެއް ހަގީގަތަކަށް ހެދުމަށް ކަމަށް މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޯވިޗް ބުނެފި އެވެ.
މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގުގައި މިރޭ ނުކުންނާނީ ތުރުކުމެނިސްތާންގެ އަކްރަޑަގްއާ ދެކޮޅަށެވެ.
މި މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޑްރަގަން ބުނީ، މި މެޗަށް ނުކުންނައިރު، އަކްރަޑަގްގެ ކުޅުން އެންމެ ރަނގަޅަށް ނޭނގޭ ކަމަށެވެ. އެކަމަކު، އެ ޓީމަކީ ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި، އެކަން އެ ޓީމުން މި ފަހުން ކުޅުނު މެޗުތަކުން ނެރުނު ނަތީޖާތަކުން އެނގޭ ކަމަށް ޑްރަގަން ބުންޏެވެ.
ޑްރަގަން ބުނީ, މާޒިޔާއިން މި މުބާރާތައް އައީ, ހުވަފެންތަކެއް ދެކިގެން ނަތީޖާ ނެރުމަށް ކަމަށެވެ. އަދި މާޒިޔާގެ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އެކަމުގައި އޭނާގެ ޓީމަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ.
"އަހަރެމެން އަށް މާބޮޑަކަށް ނޭނގޭ އިދިކޮޅަށް މި ނުކުންނަ ޓީމެއް. އެކަމަކު މައުލޫމާތައް ބަލާއިރު, އެއީ ތުރުކުމެނިސްތާންގެ ޗެމްޕިއަން އަދި އަގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިން އެ ޓީމުގައި ގިނަ. އެކަމަކު އަހަރެމެން މިއައީ ހުވަފެންތަކެއް ދެކިގެން އެ އަށް ފައިޓް ކުރަން" ޑްރަގަން ބުންޏެވެ.
ޑްރަގަން ބުނީ, މިއީ ފުޓުބޯޅަ ކަމަށާއި, ފުޓުބޯޅައިގައި ކޮންމެ ކަމެއްވެސް ވެދާނެ ކަމަށެވެ. އަދި ކުދި ކްލަބްތަކުން ބޮޑެތި ޓީމުތައް ބަލިކުރުން މިއީ އާ ކަމެއް ނޫން ކަމަށް ޑްރަގަން ބުންޏެވެ.
އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނީ, މާޒިޔާއިން އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ކޯޗުން ސްޓާފުންނާ ކުޅުންތެރިން އެކެއްޗެއް ކިޔައި މެޗުން މޮޅުވާން ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށް ސަމުއްޓޭ ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން އެންމެ ރަނގަޅަށް ނުފަށައި އޮއްވައި، އޭއެފްސީ މުބާރާތްތަކުގައި ކުޅެން ޖެހުމުގެ އުނދަގޫ މީގެ ކުރިން ވެސް މާޒިޔާ އަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މި ފަހަރު މާޒިޔާ އިން އޭއެފްސީ މުބާރާތެއްގައި ވާދަކުރަން މި ޖެހުނީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ނުކުޅޭތާ 10 ވަރަކަށް މަސްވެފައި އޮއްވަ އެވެ.
މާޒިޔާ އާއި އަކްރަޑަގް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 23:30 ގަ އެވެ.
Comment