Advertisement

ހަރަދުތައް ފޫނުބެއްދިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ އުޒުރަކަށް ހެދީ ކުރީ ސަރުކާރު

24 އޮކްޓޯބަރު 2024 - 11:18 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒު އަދި ފިނޭންސް މިނިސްޓަރު ޒަމީރު. މި ސަރުކާރުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ބަޖެޓަށް ވަނީ ބާރުބޮޑުވެފައި --- ފޮޓޯ: ރައީސް އޮފީސް


ހަރަދުތައް ފޫނުބެއްދިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ އުޒުރަކަށް ހެދީ ކުރީ ސަރުކާރު

24 އޮކްޓޯބަރު 2024 - 11:18 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ މިއަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ދެކޮޅު ނުޖެއްސުމާ ގުޅިގެން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަށް ހުށަހަޅަން ޖެހުމުގެ އުޒުރަކަށް "ކުރީ ސަރުކާރު" ދައްކައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުގެ ފަރާތުން ވަނީ 5,119,508,129ރ. ގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ. އެ ބަޖެޓު ހުށަހަޅަން ޖެހުނު މައިގަނޑު ތިން ސަބަބެއް ބަޔާންކޮށްފައިވާއިރު އެ ހުރިހާ ސަބަބެއް ވެސް ގޮސް ނިމެނީ "ކުރީ ސަރުކާރާ" ހަމައިންނެވެ. އެއީ;

  1. މަޝްރޫއުތަކަށް އާދަޔާ ހިލާފު ކުދި އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރު ކޮށްފައިވުން
  2. 2022 އަދި 2023 ގައި ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް ބަލައި ބަޖެޓު ކޮށްފައިވާއިރު، އެއްވެސް ކަމަކަށް ތައްޔާރުވެފައި ނުވުން
  3. 2023 ގެ ހިސާބުތައް އެކައުންޓް ކުރުމުގައި ބޮޑެތި އަދަދުން ފަރަގު ހުރުން

ހިސާބުތައް އެކައުންޓް ކުރުމުގައި ގޯސް ހަދާފައިވާ ކަމުގެ ތުހުމަތުތައް އެމްޑީޕީން ވަނީ ދޮގުކޮށްފަ އެވެ. މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވަނީ ދައުލަތުގެ މާލިއްޔަތު ގާނުނާއި ގާނޫނުއަސާސީއާ ހިލާފަށް ފިނޭންސް މިނިސްޓްރީން އެއްވެސް ކަމެއް މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން މިހެން ބަޔާންކުރިއިރު ޖޫން 20, ގެ ފަހުން ދައުލަތުގެ މާލިއްޔާއިން ހަރަދުކުރީ ކިހިނެއް ކަމެއް ނޭނގެ އެވެ. ފާއިތުވި ސަރުކާރުތަކުން ކޮންމެ ހަފްތާއަކު ގަވާއިދުން ޝާއިއުކުރަމުން ދިޔަ ހަރަދާއި އަމްދަނީގެ ރިޕޯޓުތައް މި ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީތައް ކަމަށްވާ މޫޑީސް އާއި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން ކައިރިކައިރީގައި ދަށްކޮށްފަ އެވެ. ބޭރުން ނަގާފައިވާ ދަރަނި ނުދެއްކޭނެ ކަމަށް ބަލައި ރޭޓިން ދަށްކުރި މައިގަނޑު އެއް ސަބަބަކީ ސަރުކާރުގެ ހަރަދުތައް އަތްނުފޯރާފަށުގައި ހުރުމެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން ފާސްކުރި ބަޖެޓަކަށްވީ ނަމަވެސް މި ބަޖެޓުގައި ވަނީ ރައީސް މުއިއްޒު އެދިވަޑައިގެންނެވި ކަންކަން ވެސް ހިމަނާފަ އެވެ. ހަމައެކަނި އުނިކުރީ ރަސްމާލެ މަޝްރޫއުއަށް ޖެހި 400 މިލިއަން ރުފިޔާ އެވެ.

ބަޖެޓުގައި ނުޖަހައި ބޮޑެތި ހަރަދުތަކެއް މި ސަރުކާރުން ވަނީ ކޮށްފަ އެވެ. ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓާއި ތުރުކީއިން ޑްރޯން ގަތުމުގެ ޕްރޮޖެކްޓަކީ ބަޖެޓުގައި ނުޖަހައި މި ސަރުކާރުން ހިންގި ދެ ޕްރޮޖެކްޓެވެ. ޑްރޯން ގަތުމަށް 37 މިލިއަން ޑޮލަރު ސަރުކާރުން ހަރަދު ކުރި އެވެ. ރަސްމާލެއަށް ދާނެ ހަރަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މިއަހަރުގެ ބަޖެޓުން ހަރަދު ކުރުމުގެ އެންމެހާ ޒިންމާތައް ނެގީ މި ސަރުކާރުންނެވެ. ހަރަދުތައް ދެކޮޅު ނުޖެއްސުމުގެ މައިގަނޑު އަނެއް ސަބަބަކީ ބަޖެޓަށް ބޭނުންވާ ފައިސާ ނުހޯދުމެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް އެކި ޕްލެޓްފޯމްތަކުގައި ރައީސް ވިދާޅުވި އެވެ. ނަމަވެސް, މިހާތަނަށް އައިއިރު ބަޖެޓަށް ހޯދަން ޖެހޭ 10 ޕަސެންޓު ފައިސާ ވެސް މި ސަރުކާރަށް ހޯދިފައި ނުވެ އެވެ.