Advertisement

އޭޝިއާ މުބާރާތުގައި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުން ޖަޕާން ވެސް ބަލިކޮށްފި

23 އޮކްޓޯބަރު 2024 - 12:10 0


އޭޝިއާ މުބާރާތުގައި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުން ޖަޕާން ވެސް ބަލިކޮށްފި

23 އޮކްޓޯބަރު 2024 - 12:10 0

ގައުމީ އަންހެން ނެޓްބޯލް ޓީމުން މިހާރު ކުރިއަށްދާ 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗުން ޖަޕާން އަތުން މޮޅުވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މި މުބާރާތުގައި ނެޓްބޯޅަ ޓީމުން ޖަޕާން އަތުން މޮޅުވީ، 62-24 އިންނެވެ.

މިއީ، މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ހޯދި ތިން ވަނަ މޮޅެވެ. މީގެ ކުރިން، ސައުދީ އަރަބިއްޔާ އާއި އިންޑިއާ އަތުން މޮޅުވެފައިވެ އެވެ. ގްރޫޕް ސްޓޭޖުގައި ދެން ކުޅުނު ދެ މެޗުން ވަނީ އޭޝިއާގެ ތިން ވަނަ މެލޭޝިއާ އާއި ފިލިޕީންސްގެ އަތުން ބަލިވެފަ އެވެ.

ޖަޕާނާ ދެކޮޅަށް މިދިޔަ ފަހަރު، 2022 ވަނަ އަހަރުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ކުޅުނު މެޗުން ވެސް ރާއްޖެ މޮޅުވި އެވެ. އެކަމަކު، މި ފަހަރުގެ ނަތީޖާ ކުރިއަށް ވުރެ ރަނގަޅެވެ. އެ ގޮތުން، ކުރިން ފަހަރު ރާއްޖެ މޮޅުވީ، 56-21 އިންނެވެ. މި ފަހަރު އެ އަށް ވުރެ ފަރަގު ބޮޑުކޮށް ނަތީޖާ ނުކުތްއިރު، މެޗު ފެށިގެން ނިމެންދެން ޑޮމިނޭޓްކުރީ ރާއްޖޭންނެވެ.

ފުރަތަމަ ކުއާޓަރު ރާއްޖޭން ނިންމާލީ، 11-09 އިންނެވެ. ދެ ވަނަ ކުއާޓަރުގައި ރާއްޖޭން ވަނީ، ސްކޯގެ ފަރަގު ބޮޑުކޮށްފަ އެވެ. އެ ގޮތުން، ދެ ވަނަ ކުއާޓަރު ނިމި ހާފްޓައިމްވިއިރު ސްކޯ އަކީ، 26-15 އިންނެވެ. ތިން ވަނަ ކުއާޓަރުގައި ރާއްޖޭން ކުރިހޯދީ، 44-20 އިންނެވެ. ފަހު ކުއާޓަރުގައި ރާއްޖެ އަށް ހަމަޖެހިލައިގެން ކުޅެލަން ފުރުސަތު ލިބުނުއިރު، މެޗު ނިންމާލީ، 62-24 އިން ކުރީގައި އޮވެގެންނެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރު ކުރިއަށްދިޔަ އޭޝިއާގެ ނެޓްބޯޅަ ޓީމާއި މި ފަހަރު ވާދަކުރާ ޓީމުގައި 30 ޕަސެންޓް ވަރުގެ ސްކޮޑުގެ ތަފާތެއް އުޅޭނެ ކަމަށް، ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ ހަލީމް، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.

ނީޝާ ބުނީ، ކުރިން ފަހަރަށް ވުރެ މި އަހަރުގެ މުބާރާތުގައި ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ. އެހެންވެ، ޓާގެޓް ވެސް މައްޗަށް ޖައްސާލައިފައިވާ ކަމަށެވެ.

"މި ފަހަރުގެ ޓާގެޓަކީ ހަމަ ރޭންކިން ހައި ކުރުން. މިހާރު ރާއްޖެ މީދީ ހަތް ވަނައިގައި، ދެން ފަސް ވަނަ ޓާގެޓަކީ، ފަހެއް ނޫނީ ހަ ވަނަ ޓާގެޓަކީ،" ނީޝާ ބުންޏެވެ.

ގްރޫޕްގެ ފަހު މެޗުގައި، ރާއްޖޭން އޭޝިއާގެ އެއް ވަނަ ޓީމު ލަންކާއާ ކުޅޭއިރު، މި މެޗު ގްރޫޕްގެ ފަހު މެޗުގެ ގޮތުގައި ރޭވިފައި އޮތުމަކީ، ރާއްޖެ އަށް ރަނގަޅެއްގެ ގޮތުގައި ނީޝާ ދެކެ އެވެ. އެއީ، ގިނަ މެޗުތަކެއް ކުޅުނު ވަރަކަށް ރާއްޖޭގެ ކުޅުންތެރިންގެ ލެވަލް ރަނގަޅުވަމުން އަންނާތީ އެވެ.

މި ފަހަރުގެ މުބާރާތުގެ ކުރިން، ރާއްޖޭން ވަނީ ލަންކާގައި ކޭމްޕެއް ކުރިއަށްގެންގޮސް މެޗުތަކެއް ކުޅެފަ އެވެ. އޭގެ ފައިދާ ވެސް ޓީމުން ފެންނަ ކަމަށް ނީޝާ ވަނީ ބުނެފަ އެވެ.