Advertisement

މާލެ އާ ދުރު އަތޮޅުތަކުން ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސް ދައްކަން ޖެހޭ މިންވަރު ދަށްކުރަނީ

23 އޮކްޓޯބަރު 2024 - 09:56 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: އޭނާގެ ވިސްނުން ހުރީ ރާއްޖޭގެ ދުރު އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރަން -- ފޮޓޯ: ރައީސް އޮފީސް


މާލެ އާ ދުރު އަތޮޅުތަކުން ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސް ދައްކަން ޖެހޭ މިންވަރު ދަށްކުރަނީ

23 އޮކްޓޯބަރު 2024 - 09:56 0

މާލެ އާ ދުރު އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާ ކުރުމަށް އެ ސަރަހައްދުތަކުން ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ބިމު ކުލި ކުޑަ ކުރަންޖެހޭ ކަމަށާއި، އެކަން ކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ ރާއްޖެއަށް އިންވެސްޓު ކުރަން ޕްރޮޕޯޒަލްތައް އަބަދުވެސް ހުށަހަޅަނީ މާލެ އާއި ކައިރި އަތޮޅުތަކަށް ކަމަށެވެ. އެކަން ބަދަލުކޮށް، މާލެ އާ ދުރު ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާ ކުރުމަށް އެ ސަރަހައްދުތަކުގައި އިންވެސްޓު ކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ލުއިތަކެއް ގާނޫނުގެ ތެރެއިން ލިބޭނެ ގޮތެއް ހަދަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މި ސަރުކާރުގެ އަދި ޓޫރިޒަމް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވިސްނުން ހުރީ ދިވެހިރާއްޖޭގެ ޓޫރިޒަމް ނެތް ތަންތަނަށް ޓުރިޒަމް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އެ ތަންތަނަށް ބޮޑެތި ލުއިތަކެއް އިންވެސްޓު ކުރާ ފަރާތްތަކަށް ދިނުން، އެގޮތުން އަޅުގަނޑު ގަބޫލު ކުރަނީ އެ ތަންތަނުގެ އިކުއިޒިޝަން ކޯސްޓު ވެސް ކުޑަވެގެން ދާން ޖެހޭނެ ކަމަށް އަދި ލޭންޑް ރެންޓު ވެސް ކުޑަ ވެގެން ދާން ޖެހޭނެ ކަމަށް، އެކަމުގެ މަޝްވަރާގައި، އަދި ޓެކްސްގެ ތެރެއިން ވެސް ލުއިތަކެއް ލިބިގެން ދާން ޖެހޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

މާލެ އާ ދުރު އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާ ނުވެ އޮތުމުން އެ ސަރަހައްދުތަކުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ އެ ސަރަހައްދުތަކުގައި އިންވެސްޓު ކުރާ ފަރާތްތަކަށް އެ ލުއިތައް ލިބިގެން ނޫނީ އެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

"އެކަން މަޖިލީހަށް ގެންނަން، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހަޅާނެ ވާހަކަ ދަންނަވަން، އެގޮތަށް އެކަން ކުރެވިގެން ނޫނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެންދެވިދާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، އެހެންވީމަ ދާދި އަވަހަށް އަޅުގަނޑު މި އިއްޒަތްތެރި މަޖިލީހަށް ދައުލަތުގެ ބަންޑާރަ ނައިބު ހުށަހަޅާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން އަދި އެ މަސައްކަތް ކުރެވެމުންދާ ކަމުގެ މައުލޫމާތު ވެސް ހިއްސާ ކޮށްލަން،" ފައިސަލް ވިދާޅުވި އެވެ.