22 އޮކްޓޯބަރު 2024 - 15:29 0
ލީވާން އަލީ ނާސިރު
ބިދޭސީ މަސައްކަތްތެރިން: ބިދޭސީންގެ ފީތަކުން ލިބެން ޖެހޭ ބިލިނަކަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައި -- ފޮޓޯ: އަދަދު ފައިލް
22 އޮކްޓޯބަރު 2024 - 15:29 0
ބިދޭސީންނާ ގުޅޭ އެކި ފީތަކުން ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ވިސާ ފީ، ވޯކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ ގޮތުގައި މިދިޔަ ޖޫން 3، ގެ ނިޔަލަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށާއި ނަމަވެސް މިހާރު އޭގެ ތެރެއިން ނުލިބި އޮތީ 703،799،250ރ. ކަމަށެވެ.
"މިއަދު މިވަގުތާ ހިސާބަށް މިހާރު ދައުލަތަށް ނުލިބިފައި ވަނީ 703،799،250 ރުފިޔާ. އެހެންމަ އަޅުގަނޑުމެންނަށް މިވަނީ ގާތްގަނޑަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫން 3، އިން މިހާ ހިސާބަށް އައިއިރުގައި ރިކަވާ ކުރެވިފައި،" އިހުސާން ވިދާޅުވި އެވެ.
ފައިސާ ނުދައްކާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ބްލޮކް ކޮށްފައިވާކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ އެ ފަރާތްތަކަށް އަލުން ސިސްޓަމުން ހިދުމަތް ދޭނީ ފައިސާ ދެއްކުމުން ކަމަށެވެ.
ވަޒީފާ ދޭ 10،619 ފަރާތެއްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ 102،807 ބިދޭސީންނަށް ދައްކަންޖެހޭ ފައިސާ ދައުލަތަށް ނުލިބޭ ކަމަށެވެ. ނަމަވެސް ހޯމްލޭންޑުން އިއުލާން ކުރީ 100،000ރ. އަށް ވުރެ މަތިން ފައިސާ ނުދައްކާ ހުރި 1026 ފަރާތެކެވެ.
އެ ލިސްޓުގައި ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުންފުނިތަކާއި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނިތައް ހިމެނެ އެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގި ފުޅާކޮށް ރާއްޖޭގެ 82 ރަށެއްގައި މިހާރު މައުލޫމާތު ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިގޮތުން، ރަށްރަށުގައި އެ އޮޕަރޭޝަން ކުރިއަށް ގެންދަން ކައުންސިލްތަކުގެ މީހުން މާލެ ގެނެސް ތަމްރީން ކޮށްފައިވާކަން އިހުސާން ފާހަގަ ކުރެއްވި އެވެ.
އިހުސާން ވިދާޅުވީ އަމާޒަކީ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި ނަމަވެސް ޖެނުއަރީގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭގެއިތުރުން އޮޕަރޭޝަން ކުރަނގިއަށް ބޭނުންވާ ސޮފްޓްވެއާ ޑިވެލޮޕްކޮށް، މިހާރު ބިދޭސީންގެ ފޭޝަލް ރިކޮގްނިޝަން ހަދަމުން ދަނީ އެ ސޮފްޓްވެއާގެ ތެރެއިން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
Comment