22 އޮކްޓޯބަރު 2024 - 10:32 0
އައްޒާމް އަލިފުޅު
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އެމްބީއޭ
22 އޮކްޓޯބަރު 2024 - 10:32 0
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ފަހު ފާސްކޮށްފި އެވެ.
އެމްބީއޭ އިން ބޭއްވި މި ހާއްސަ ޖަލްސާގައި، މި ގަވާއިދު ފާސްވެގެން ދިޔައީ ޖަލްސާގައި ހާޒިރުވި ފުރިހަމަ މެންބަރުން ކަމަށްވާ 19 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ތާއިދާއި އެކު އެވެ. އެމްބީއޭގެ ފުރިހަމަ މެންބަރުންގެ ޖުމްލަ އަދަދަކީ 20 އެވެ.
އެ ގޮތުން، ފާސްކުރެވުނު ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ފަސް ކަމެއްގެ މައްޗަށެވެ. އެއީ،
• އެސޯސިއޭޝަންގެ ކޮމިޓީތަކުގެ އޮނިގަނޑު ބަދަލުތަކެއް ގެނެވުން.
• އެސޯސިއޭޝަންގެ ހިންގުން ފަސޭހަ ކުރުމުގެ ގޮތުން އިތުރު ދާއިމީ ކޮމިޓީއެއް އުފެއްދުން.
• އެސޯސިއޭޝަންގެ މެންބަރުންގެ ގިންތި ތަކަށް ބަދަލު ތަކެއް ގެނެވި އާ ގިންތި އުފެދުން.
• އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުފެދިގެން އަންނަގޮތަށް ބަދަލު ތަކެއް ގެނައުން.
• އެސޯސިއޭޝަންގެ ފުރިހަމަ މެންބަރެއްގެ ހައިސިއްޔަތު ލިބޭނެގޮތް އަދި އެ އަށް އަމަލު ކުރުމަށް ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނުން. އަދި އެ މާއްދާ އެކްޓިވް ވަންދެއް އަމަލު ކުރަމުންދާނީ މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އެމްބީއޭ
އެމްބީއޭ އިން މިއަދު މީޑިއާ އަށް ހިއްސާކުރި މައުލޫމާތަށް ބަލާއިރު، އަސާސީ ގަވާއިދަށް މި ބަދަލުތައް ގެންނަން އިއުލާނުކުރެވުނީ، މިި މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި މެމްބަރުންގެ ލަފަޔާއި ހިޔާލު ހޯދުމަށް، މި މަހު ފަސް ވަނަ ދުވަހު ހުޅުވާލި އެވެ.
ހިޔާލާއި ލަފާ ހުށަހެޅުމަށް ދެވުނު ފުރުސަތުގައި، އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ، މި މަހުގެ 14 އާއި 15 ވަނަ ދުވަހު، މި ގަވާއިދުތަކާ ބެހޭގޮތުން، މައުލޫމާތު ސެޝަންތަކެއް މެމްބަރުންނަށް ބޭއްވިގެންދިޔަ އެވެ. އަދި މި ބައްދަލުވުންތަކަށް ފުރިހަމަ މެމްބަރު ކްލަބްތަކުގެ ތެރެއިން، 14 ފަރާތެއް ހާޒިރުވި އެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން ހުށަހެޅުނު ކަންކަމަށް ބަލައި، އިސްލާހުތަކެއް އަސާސީ ގަވާއިދަށް ގެނެވުނު، ކަމަށް އެމްބީއޭ އިން ހާމަކޮށްފައިވެ އެވެ.
Comment