Advertisement

އެންމެ ފަހުން ވޮލީބޯލް އެސޯސިއޭޝަނުން އޮޑިޓް ރިޕޯޓް ފާސްކޮށްފި

ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމީޓީ.---


އެންމެ ފަހުން ވޮލީބޯލް އެސޯސިއޭޝަނުން އޮޑިޓް ރިޕޯޓް ފާސްކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ އޮޑިޓް ރިޕޯޓްތައް އެންމެ ފަހުން ފާސްކޮށްފި އެވެ.

މިދިޔަ މާޗް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ފުރުސަތު ދީފައިވަނީ، 90 ދުވަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓްގެ ކަންކަން ފުރިހަމަ ކުރުމަށެވެ. އަދި މީގެ އިތުރުން، ވޮލީބޯލް އެސޯސިއޭޝަނުން ރާއްޖޭގެ ގާނޫނާ އެއްގޮތަށް ނިންމަން ޖެހޭ ކަންކަން ފުރިިހަމަ ކުރުމަށެވެ.

އެ ގޮތުން، ގާނޫނާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމަށް ފަހު، ވޮލީބޯލް އެސޯސިއޭޝަނުން ވަނީ، މާޗް 26 ވަނަ ދުވަހު، އެސޯސިއޭޝަންގެ އިންތިހާބު ބާއްވައި، މުހައްމަދު ލަތީފް، މިހާރު ހިނގަމުންދާ ދައުރުގެ ބާކީ އޮތް އެއް އަހަރަށް ރައީސްގެ މަގާމަށް އިންތިހާބުކޮށްފަ އެވެ.

މީގެ ކުރިން، ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ޑްރާފްޓް އޮޑިޓް ރިޕޯޓެއް ފޮނުވާފައި އޮތުމަށް ފަހު، މިދިޔަ އޮގަސްޓް މަސް ތެރޭ ލަސް ވެގެން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވައި، އޮޑިޓް ރިޕޯޓްތައް ފާސްކުރާނެ ކަމަށް ވީއޭއެމްގެ ރައީސް، މުހައްމަދު ލަތީފް ވިދާޅުވި އެވެ.

އެކަމަކު، އެކަން ކުރެވިފައި މި ވަނީ، ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެެވެ. ވޮލީބޯލް އެސޯސިއޭޝަނުން އޮޑިޓް ރިޕޯޓްތައް ފާސްކޮށްފައި މި ވަނީ އެކަމަށް ދިން މުއްދަތު ހަމަވިތާ ހަ މަސް ދުވަސްވީ ފަހުންނެވެ.

ރޭގެ ކޮންގްރެސްގައި، ވޮލީބޯލް އެސޯސިއޭޝަންގެ ހުރިހާ ފުރިހަމަ މެމްބަރު ކްލަބްތަކުގެ މަންދޫބުން ބައިވެރިވި ކަމަށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެއީި ޕޮލިސް ކްލަބް، އަލްމާ ސްޕޯޓްސް ކްލަބް، އައްޑޫ ސްޕޯޓްސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކްލަބް ވޮލީބޯލް، ޔޫތު ނިއު ޖެނެރޭޝަން، ކްލަބް ހާފް ލައިން ލިންކޭޖް، އެސްޕިރޭޝަން ފޯ އޮލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބް އެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީގެ ފަނަރަ މެންބަރުންގެ ތެރެއިން 13 މެންބަރުން ހާޒިރުވި މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، މޯލްޑިވްސް ސްޕޯޓްސް ނޭޝަނަލް ކައުންސިލް، އަދި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އޮބްޒާވަރުން ވެސް ބައިވެރިވެފައިވެ އެވެ.

ރޭގެ ޖަލްސާގައި ފާސްކޮށްފައިވަނީ، ވޮލީބޯލް އެސޯސިއޭޝަނުގެ 2020، 2021، 2022، އަދި 2023 ވަނަ އަހަރުގެ މާލީ އަހަރުތަކުގެ ވީއޭއެމްގެ އޮޑިޓް ރިޕޯޓްތަކެވެ.