Advertisement

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19ރ. އަށް އަރައިފި

21 އޮކްޓޯބަރު 2024 - 11:16 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19ރ. އަށް އަރައިފި

21 އޮކްޓޯބަރު 2024 - 11:16 1

ހުއްޓުމެއް ނެތި ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 19ރ. އަށް އަރައިފި އެވެ.

"އަދަދު" ނޫހުން މިއަދު އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 18.90ރ. އާއި 19.00ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އޮންލައިންކޮށް ޑޮލަރުގެ މުއަމަލާތް ކުރުމަށް ބޭނުންކުރާ ވައިބާ ގްރޫޕްތަކުގައި ވެސް އަގުތައް ހުރީ މި ރޭޓުގަ އެވެ.

ޑޮލަރު ގަންނަ ރޭޓުވެސް މިހާރު ވަނީ 18.85ރ. އަށް އަރާފަ އެވެ.

މިއީ ރާއްޖޭގައި ޑޮލަރުގެ ރޭޓު ދަށް ނުވެ މައްޗަށް އަރަމުންދާ ތިންވަނަ މަހެވެ. އެގޮތުން, އޮގަސްޓު މަހުގެ 18.50ރ. އަށް ވުރެ މައްޗަށް އުފުލުނު ގޮތަށް ދުވަހަކަށް ވުރެ ދުވަހެއް ޑޮލަރުގެ ރޭޓު ދަނީ މަތިވަމުންނެވެ.

މި އަހަރު ޑޮލަރުގެ އަގު އެންމެ ދަށަށް ދިޔައީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދުވަސްވަރެވެ. އެއިރު ޑޮލަރެއްގެ އަގު 17.20ރ. އަށް ވެސް ހުއްޓެވެ. އެ ދުވަސްވަރު ވެރިކަންކުރާ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޑޮލަރުގެ ރޭޓު ދެން މައްޗަށް ނާރާނެ ކަމަށާއި ދާނީ ދަށަށް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް, ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އެންމެ ގިނަވާ ޓޫރިޒަމުގެ ހައި ސީޒަނާ ދިމާލަށް މިސްރާބު ޖަހާފައިވާއިރުވެސް ޑޮލަރުގެ އަގު އަދިވެސް ހިފެހެއްޓިފައެއް ނުވެ އެވެ. މި މަހު މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 5،428 ފަތުރުވެރިން ދަނީ ރާއްޖެ އަންނަމުންނެވެ.

ޓޫރިޒަމަށް ވަންނަ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވައްދައި، ޑޮލަރު ތާށިކަން ހައްލުކުރަން ގެންނަ ބަދަލުތަކުގެ ދަށުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން އެމްއެމްއޭއިން ނިންމީ މި މަހު ފުރަތަމަ ދުވަހު އެވެ.

އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި ގަވާއިދާއެކު ޑޮލަރުގެ ކަޅު ބާޒާރަށް ވެގެންދާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ގަވާއިދާއެކު ބޭރު ފައިސާ ގަނެ ވިއްކުމުގެ ގަވާއިދަށްވެސް އެމްއެމްއޭއިން ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ.