Advertisement

ވާގޮތް: ބަޖެޓުން ފައިސާ ހަރަދު ކުރުމާއި ބަޖެޓު ބަދަލުކުރުން

21 އޮކްޓޯބަރު 2024 - 12:30 0

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ވާގޮތް: ބަޖެޓުން ފައިސާ ހަރަދު ކުރުމާއި ބަޖެޓު ބަދަލުކުރުން

21 އޮކްޓޯބަރު 2024 - 12:30 0

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި އޮންނަ ގޮތުގައި ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެ ދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓާ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ.

ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުން ގެންނާނެ ފެންނަ އުނިއިތުރެއް ގެނެވޭނެ ކަމަށް ވެސް އޮވެ އެވެ. އެއާ ވިދިގެން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ލިބިގެން މެނުވީ ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށް ވުރެ ހަރަދު އިތުރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅާފައިވާނަމަ އެ ހަރަދެއް ކުރަން ވާނީ އެކަމަކަށް އެކަނި ކަމަށެވެ.

ގާނޫނު އަސާސީގައި މިހެން އޮތް އިރު، އެ ފަހުން ވުޖޫދުކޮށްފައިވާ މާލިއްޔަތު ގާނޫނާއި މާލީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އިތުރުން މާލިއްޔަތު ގަވާއިދާއި މި ގާނޫނުތަކާއި ގަވާއިދުގެ ދަށުން ހެދިފައިވާ އުސޫލުތަކުގައި، ދައުލަތުގެ ފައިސާ ހަރަދު ކުރެވޭނެ ގޮތްތައް ސާފު ސަރީހާ އިބާރާތުން ކަނޑައަޅާފައިވެ އެވެ.

މިގޮތުން ހަރަދު ކުރެވޭ ހުރިހާ ފައިސާއަކީ ރެކޯޑުތައް ބެލެހެއްޓިގެން ހަރަދުކުރަން ޖެހޭ ފައިސާ އެވެ. އަދި ކުރާ ހުރިހާ ހަރަދަކަށް ފިނޭންސް މިނިސްޓަރާއި އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިން ޒިންމާވެ، ގަވާއިދުން ރިޕޯޓުތައް ތައްޔާރުކޮށް އޮޑިޓު އޮފީހަށް ހުށަހަޅަން ޖެހެ އެވެ.

މާލިއްޔަތު ގާނޫނުގައި ބުނާ ގޮތުގައި ދައުލަތުގެ އަހަރީ ބަޖެޓުން ކެޕިޓަލް ހަރަދުތައް ކުރެވެނީ ލޯންސް އެންޑް ކެޕިޓަލް ވާކްސް ފަންޑުންނެވެ. އަދި ރިކަރަންޓު ހަރަދުތައް ކުރެވެނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ. މިގޮތުން ކުރެވޭ ހުރިހާ ހަރަދުތަކަކީ ފާސްކުރި ބަޖެޓުގައި ކަނޑައެޅިފައިވާ އޮތް ގޮތުގެ މަތިން ހަރަދުކުރުމަށްް ހުއްދަކޮށްފައިވާ ފައިސާއަކަށް ވާން ޖެހެ އެވެ. ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ލިބިގެންނެވެ.

ދައުލަތުގެ އެއްވެސް އޮފީހަކަށް އެއްވެސް ހަރަދެއް ކުރެވޭނީ އެ ހަރަދެއް ކުރުމަށް ހުއްދަ ދިން ކަމަށް، ފައިސާ ހަރަދު ކުރުމަށް ހުއްދަ އޮތް ވެރިޔަކު ހުއްދަދީ ސޮއިކުރުމުންނެވެ. އާންމު ބަޖެޓުން ކުރާ ކޮންމެ ހަރަދެއް ވެސް މި ފަދައިން ހުއްދަ ލިބުމުން، ހަރަދު ކުރަނީ އެސްއޭޕީގައި ރެކޯޑް ކޮށްގެންނެވެ. އަދި ހިލޭ އެހީ އާއި ލޯނުން ހިންގާ މަޝްރޫޢުތަކަށް އެހީދޭ ފަރާތުން ފައިސާ ދޫކުރަނީ ވެސް މި ފަދައިން ހުއްދަ ލިބުމުންނެވެ.

މިގޮތަށް ހަރަދު ކުރުމަށް ހުއްދަދޭ ވެރިން ކަނޑައަޅާނީ މިނިސްޓްރީއެއް ނަމަ މިނިސްޓަރުގެ މަޝްވަރާގެ މަތިން އަދި އޮފީހެއް ނަމަ އެ އޮފީހެއްގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން، މާލީ ޒިންމާދާރު ވެރިޔާ އެވެ. އަދި މި ހަރަދުތައް ކުރަންވާނީ، އެ ކަމަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް އަދަދަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، އެ ހަރަދެއް ކުރަން އެންމެ އެކަށޭނަ ބަޖެޓު ކޯޑުންނެވެ.

ބަޖެޓު ކޯޑުގައި އެކަށީގެންވާ ވަރަށް ފައިސާ ނެތް ކަމުގައި ވާނަމަ، ބަޖެޓުގެ ފައިސާ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ ފުރުސަތު އޮވެއެވެ. މިއީ އަބަދުވެސް ޕްރެކްޓިސް ކުރަމުން އަންނަ ކަމެކެވެ. އަދި 2019 ގައި މިކަމަށް ހާއްސަ އުސޫލެއް ހަދައި، ފަހުން އެ އުސޫލުގައިވާ ކަންކަން މާލިއްޔަތު ގަވާއިދުގެ ތެރޭގައި ހިމަނާފައިވެ އެވެ.

މިގޮތުން އޮފީސްތަކަށް އެ އޮފީހެއްގެ ބަޖެޓެއްގެ އެއް ކޯޑުން އަނެއް ކޯޑަށް ފައިސާ ބަދަލުކޮށްގެން، ބިލުތައް ރިކޯޑްކުރާ މިންވަރަށް ފައިސާ ހޯދުމަށް އެދެވެއެވެ. މި ބަދަލަށް ހުއްދަ ދެނީ މިނިސްޓްރީ އޮފް ފިނޭންސުން ނުވަތަ އެ މިނިސްޓްރީ ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. ބަޖެޓު ކޯޑު ބަދަލުކޮށްގެންވެސް އެކަށީގެންވާ މިންވަރަށް ފައިސާ ނެތްކަމުގައި ވާނަމަ، ބަޖެޓަށް ފައިސާ އިތުރުކުރުމަށް އެދުމުގެ ފުރުސަތު ވެސް އޮވެ އެވެ.

އޮފީހެއްގެ ބަޖެޓަށް ފައިސާ އިތުރު ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުމުން، ފައިސާ އިތުރުކުރަނީ ކޮންޓިންޖެންސީ ބަޖެޓުންނެވެ. ކޮންޓީންޖެންސީ ބަޖެޓު ހުސްވުމުން، ފިނޭންސް މިނިސްޓްރީން އޮފީސްތަކުގެ ބަޖެޓަށް އުނިއިތުރު ގެނެސް، ކޮންޓީންޖެންސީ ފަދަ ރިޒާވް ފަންޑަކަށް ބަޖެޓު ނަގައި، ބަޖެޓަށް އިތުރުކުރުމަށް ހުށަހަޅާ ކަންކަމަށް ބަޖެޓު ދޫކުރެ އެވެ.

މިސާލަކަށް، މި އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާ އޮފީސްތަކުގެ ބަޖެޓުތަކުން އުނިކުރިކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފައި ވެ އެވެ. މި ބަޖެޓު ހުންނާނީ ރިޒާވް ކޯޑެއްގައެވެ. މި ކޯޑުން ފައިސާ އިތުރުކުރަނީ ބަޖެޓު އިތުރުކުރުމަށް ހުށަހަޅާ ކަންކަމަށެވެ.

މިގޮތަށް ބަޖެޓު އިތުރު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި، މަޝްރޫޢެއް ބާރަށް ހިނގުމުގެ ސަބަބުން އެ މަޝްރޫއަށް އިތުރަށް ބޭނުންވާ ފައިސާ، ކުއްލި ކަމެއް ދިމާވެގެން އިތުރުކުރަން ޖެހޭ ފައިސާ (މިސާލަކަށް، ބޮޑު އަލިފާނުގެ ހާދިސާއެއް ކުރިމަތިވުން)، ނުވަތަ ސަރުކާރުން ނިންމާ ނިންމުމަކާ ގުޅިގެން ފައިސާ އިތުރުކުރަން ޖެހުން (މިސާލަކަށް، ޑްރޯން ގަންނަން ނިންމުން) ހިމެނެ އެވެ.

މާލީ އަހަރު ނިމޭ ފަހުން އޭގެ ކުރީ އަހަރުގެ ތެރޭގައި ހޯދައިފައިވާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް، އެ އަހަރެއް ނިމޭފަހުން އަންނަ ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅައިފިނަމަ، ނިމުނު އަހަރުގެ ބަޖެޓުން އެ ފައިސާ ދިނުމަށް މިނިސްޓަރަށް ހުއްދަ ކުރެވެ އެވެ.

އަހަރު ނިމުމަށް ފަހު، އަހަރީ ހިސާބު ނިންމަން މި 30 ދުވަހުގެ ބޭނުން ކުރެ އެވެ. ކުރީ އަހަރުގެ ބަޖެޓު ޤާނޫނީ ގޮތުން ބަންދުވަނީ ސަރުކާރު ބަންދު ނޫން 30 ދުވަސް ވުމުންނެވެ. މިއީ އާންމު ގޮތެއްގައި ފެބުރުވަރީ މެދުތެރޭގެ ދުވަހެކެވެ.

ބަޖެޓުން އެއްވެސް ކަމަކަށް ފައިސާއެއް ދެއްކޭނީ ޕޭމަންޓު ވައުޗަރެއް ތައްޔާރުކޮށްގެންނެވެ. ނަމަވެސް ޕަބްލިކް އެކައުންޓިން ސިސްޓަމް (ޕީއޭއެސް) ބޭނުންކޮށްގެން ޕާޗޭސް އޯޑަރު ތައްޔާރުކުރާ ނަމަ ޕޭމަންޓު ވައުޗަރަކާ ނުލާ ވެސް ފައިސާ ދެއްކެ އެވެ. ނަގުދު ފައިސާއިން އެއްވެސް ފައިސާއެއް ދެވޭނީ ފިނޭންސް މިނިސްޓްރީން ހުއްދަދޭ އަދަދަކަށް އަދި ހުއްދަދޭ ކަންކަމަށް އެކަންޏެވެ. ޕީއޭއެސް ބޭނުންކޮށްގެން ފައިސާ ދެއްކޭނީ ވެސް އެ ސިސްޓަމްގެ ތެރެއިން ޕޭމަންޓު ވައުޗަރު ތައްޔާރުކޮށްގެންނެވެ.

ބަޖެޓުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ބޭރުގެ އިދާރާއަކުން ފަނޑުކުރާ މަޝްރޫއުތަކުގެ ފައިސާ ލިބެނީ ސީދާ ކޮންޓްރެކްޓަރަށެވެ. ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ މަސައްކަތްކޮށް ނިންމުމަށްފަހު، ބިލު ފޮނުވަނީ ސީދާ އެ ޑޯނަރަށެވެ. ޑޯނަރު މި ފައިސާ ދޫކުރަނީ އެ މަޝްރޫއުު ހަވާލުކުރެވިފައިވާ ލައިން މިނިސްޓްރީ ނުވަތަ ފިނޭންސް މިނިސްޓްރީން އެ މަސައްކަތް ކުރިކަން ކަށަވަރުކުރުމަށް ފަހުގަ އެވެ. އެއަށް ފަހު ފިނޭންސަށް ލިބެނީ އެ ފައިސާ ދެއްކި ކަމުގެ ޕޭމަންޓް އެޑްވައިސްއެކެވެ.