Advertisement

އިޒްރޭލުން އުތުރު ގާޒާއަށް ހަމަލާދީ 73 މީހުން މަރާލައިފި

20 އޮކްޓޯބަރު 2024 - 10:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން ގާޒާއަށް ހަމަލާ ދިނުން: އުތުރު ގާޒާއަށް ދިން ހަމަލާގައި 73 މީހުން ވަނީ މަރާލާފައި -- ފޮޓޯ: އޭޕީ


އިޒްރޭލުން އުތުރު ގާޒާއަށް ހަމަލާދީ 73 މީހުން މަރާލައިފި

20 އޮކްޓޯބަރު 2024 - 10:25 0

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި، އުތުރު ގާޒާގެ ބެއިޓް ލަހިޔާއަށް ހަމަލާދީ 73 މީހުން މަރާލައިފި އެވެ.

ގާޒާގެ މީޑިއާ އޮފިސަރަކާ ހަވާލާދީ "އަލްޖަޒީރާ" ބުނީ ހަމަލާއާ ގުޅިގެން ގިނަ ބަޔަކު އިމާރާތްތައް ދަށުގައި ތާށިވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިޒްރޭލުން ވަނީ ފާއިތުވެދިޔަ 16 ދުވަހުގައި އުތުރު ގާޒާއިން މުއާސަލާތީ ހުރިހާ ގުޅުމެއް ކަނޑާލައި، ކާބޯތަކެއްޗާއި ފެނާއި ބޭހުގެ އިތުރުން ޒަރޫރީ ހިދުމަތްތަކުން ރައްޔިތުން މަހުރޫމް ކޮށްފަ އެވެ.

އޭގެއިތުރުން އިޒްރޭލުން ވަނީ ހާން ޔޫނިސްއަށް ދަތުރު ކުރަމުންދިޔަ ހަތަރު އިންޖިނިއަރުންނާއި އިތުރު މަސައްކަތްތެރިންނަށް ހަމަލާދީ މަރާލާފަ އެވެ. އެ މީހުން ދަތުރު ކުރަމުންދިޔައީ ހާން ޔޫނިސްގައި ޒަރޫރީ ބޭނުންތަކަށް ހިދުމަތް ދޭ ތަންތަން މަރާމާތު ކުރުމަށެވެ.

އިޒްރޭލުން އޮކްޓޯބަރު 7، އިން ފެށިގެން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 42،519 މީހުން މަރާލައި، 99،637 މީހުން ވަނީ ޒަހަމް ކޮށްލާފަ އެވެ. ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަ ކުދިންނާއި އަންހެނުންނެވެ.

ގާޒާގެ އިތުރުން އިޒްރޭލުން އަންނަނީ ލުބްނާނަށް ވެސް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2،000 އަށްވުރެ އިތުރުވެފައިވާއިރު އޭގެ ތެރޭގައި ވެސް މަރުވި އާއްމުން ގިނަ އެވެ.

އިޒްރޭލުން މެދުއިރުމަތީގެ ގައުމުތަކަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ގައުމުތަކުން ގޮވާލަމުން ދިޔަ ނަމަވެސް، އެ ގައުމުން އެކަމަށް އިޖާބަ ދީފައެއް ނުވެ އެވެ.