Advertisement

މި އަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ

19 އޮކްޓޯބަރު 2024 - 16:57 1

އަމަން ހަލީމް

އަމަން ހަލީމް


މި އަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ

19 އޮކްޓޯބަރު 2024 - 16:57 1

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ނުފުދޭނެ ކަމަށް ނިންމައި، ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން މީޑިއާތަކާ ބައްދަލުކުރައްވާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭތީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓު 5 ބިލިއަންގެ ރޭންޖުގައި ހިފެހެއްޓޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެހެންނަމަވެސް ސީދާ އަދަދެއް ވިދާޅުވާން މިވަގުތު ދަތިކަމަށް ޒަމީރު ވިދާޅުވި އެވެ.

"ދެން އޭގައި އަޅުގަނޑުމެންނަށް ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ ވެސް އަދި އިތުރު ލަފާ ހޯދައިގެން އަދި ރައީސުލްޖުމްހޫރިއްޔާގެ ވެސް ލަފަޔާ އެކީގައި. އަދި ހަމަ އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑުމެންނަށް ލިބުނީމަ ފައިނަލް އަޅުގަނޑުމެން ނިންމާލާނީ. އެކަމަކު ހުށަހަޅާނަން،" ޒަމީރު ވިދާޅުވި އެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފައި ވަނީ މިހާރު ކުރަމުންދާ ގޮތަށް ހަރަދުތައް ކުރަމުންދާ ނަމަ މި އަހަރުގެ ބަޖެޓު 58 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށެވެ. މިކަމަށް ރިއާޔަތްކޮށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، އެ ވަރަށް ނާރާނެ ކަމަށާއި ބެލެވޭ ގޮތުގައި ސަޕްލިމެންޓު ކުރަން ޖެހޭނީ ފަސް ބިލިއަނެއްހާ ރުފިޔާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި ބުނި ގޮތުގައި ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރެވެނީ ޕީއެސްއައިޕީ އާއި އިންޑިރެކްޓް ސަބްސިޑީ އާއި ދަރަނި އަދާކުރުމަށެވެ. އެކަމަކު މި ހުރިހާ ކަމަކީ ވެސް މި އަހަރުގެ ބަޖެޓު ހަރަދުތައް ކުޑަކުރުމަށް ކުރާ ރިފޯމް މަސައްކަތުގެ ދަށުން ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ކަމަށް އޭރު ފިނޭންސުން ބުނެފައިވެ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 49.9 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ފަސް ބިލިއަން ރުފިޔާއިން މި ބަޖެޓު ސަޕްލިމެންޓުކޮށްފި ނަމަ، މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަނާ ގާތްކުރާނެ އެވެ. ހަރަދުތައް މި ވަރަށް އިތުރުވީ ނަމަވެސް އާމްދަނީ އިތުރުކުރަން ގެންނަ އެއްވެސް ބަދަލެއްގެ ސަބަބުން މި އަހަރުގެ ތެރޭގައި އާމްދަނީ އިތުރުވާނެ ކަމަކަށް ފިނޭންސުން ނުބުނެ އެވެ.

އާމްދަނީ އިތުރުކުރަން ބޮޑު ކުރާ ޓެކްސްތަކާއި ފީތަކުން އާމްދަނީ އިތުރުކުރަން ހުށަހަޅާފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.