19 އޮކްޓޯބަރު 2024 - 16:52 2
ހަސަން މުހައްމަދު
ފައިނޭންސް މިނިސްޓަރު ޒަމީރު: ވިދާޅުވީ ސަޕްލެމަންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށް -- ފޮޓޯ: ސްކްރީންޝޮޓް
19 އޮކްޓޯބަރު 2024 - 16:52 2
ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން "ގޯސްތަކެއް" ހަދާފައި ހުރި ކަމަށް ބުނެ އެ މައްސަލަތައް ބަލަން ސަރުކާރުން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޖެހިގެން އުޅޭ މައްސަލައަކީ ކުރީ އަހަރުގެ ހަރަދުތައް ފަހުން ރިކޯޑު ކުރުން ކަމަށެވެ.
"އެ މައްސަލައަކީ އަސްލުގައި ޕްރޮޖެކްޓްސްއާ ގުޅޭ ޑިސްބާސްމަންޓްސްތައް ހިނގަމުންދާ އަހަރުގެ ތެރޭ ރިކޯޑު ކުރުމުގެ މައްސަލައެއް މި އުޅެނީ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މައްސަލަ ޖެހިގެން އުޅެނީ ފަންޑަން ޕްރޮޖެކްޓުތަކެއްގައި ކަމަށެވެ. މާނައަކީ، އެއީ ބޭރުން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓުތަކެކެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، ހަރަދު ކުރުމަށްފަހު ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި މިދިޔަ ސަރުކާރުން ވަރަށް ގިނަ ހިސާބުތައް ޖަހާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ، ގާނޫނު އަސާސީ އާއި މާލިއްޔަތާ ގުޅޭ ގަވާއިދާ ހިލާފަށް ކުރަމުންދިޔަ ކަމެއް ކަމަށެވެ. އެހެންކަމުން، އެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ހިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރި. މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ވެސް ކަންތައްތަކެއް ކޮށްފައި އެބަހުރި. މި ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައި ހުރި "ގޯސްތައް" ނުބަލައި ދޫކޮށްނުލެވޭނެ ކަމަށެވެ.
"ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައި އެބަހުރި. އެހެންވީމާ އެކަމަކީ އަޅުގަނޑުމެން އެހާ ފަސޭހައިން ދޫކޮށްލެވޭ ކަމަކަށް ވެގެން ނުވާނެ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ބަޖެޓުގައި ނުޖަހާ ހަރަދު ކުރަމުންދާ ކަމަށް ސަރުކާރުން ބުނާއިރު، ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓާއި ތުރުކީއިން ޑްރޯން ގަތުމުގެ ޕްރޮޖެކްޓަކީ ބަޖެޓުގައި ނުޖަހައި މި ސަރުކާރުން ހިންގި ދެ ޕްރޮޖެކްޓެވެ. ޑްރޯން ގަތުމަށް 37 މިލިއަން ޑޮލަރު ސަރުކާރުން ހަރަދު ކުރި އެވެ. ރަސްމާލެއަށް ދާނެ ހަރަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
Comment