Advertisement

އެމެރިކާގެ ސަފީރާ މިނިސްޓަރު ޝަހީމް ބައްދަލު ކުރެއްވުމުން އާންމުންގެ ނުރުހުން

19 އޮކްޓޯބަރު 2024 - 17:31 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމެރިކާގެ ސަފީރާ މިނިސްޓަރު ޝަހީމް ބައްދަލު ކުރުމުގެ މަގުސަދަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވޭ -- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު


އެމެރިކާގެ ސަފީރާ މިނިސްޓަރު ޝަހީމް ބައްދަލު ކުރެއްވުމުން އާންމުންގެ ނުރުހުން

19 އޮކްޓޯބަރު 2024 - 17:31 1

އެމެރިކާއިން ވާގިވެރިވެގެން، އެ ގައުމުގެ ފުރިހަމަ ތާއީދާއެކު ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ނަސްލުހޭދު ކުރުމެއް ހިންގަމުން ދަނިކޮށް އެމެރިކާގެ ސަފީރު، ހޫގޯ ޔޮން އާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރެއްވުމުން އާންމުންގެ ނުރުހުން އެކަމަށް އަމާޒުވެއްޖެ އެވެ.

އެމެރިކާ ސަފީރާ މިނިސްޓަރު ޝަހީމް ބައްދަލު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިސްލާމިކް މިނިސްޓަރީން ބުނީ އެ ބައްދަލުވުމަކީ ޔޮންގެ ފަރާތުން ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއް ކަމަށެވެ. ބައްދަލުވުމުގައި ދެކެވުނު ވާހަކަ އާ ގުޅޭ ތަފުސީލެއް އެ މިނިސްޓަރީން ހާމައެއް ނުކުރެ އެވެ.

އެކަމާމެދު ނުރުހުން ފާޅުކޮށް ފާޑުކީ ބައެއް މީހުން އެ ބައްދަލުވުން ސިފަކޮށްފައި ވަނީ އިޒްރޭލާ ބައްދަލު ކުރުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. އެމީހުން ބުނެފައި ވަނީ އެމެރިކާ އަކީ ޓެރެރިސްޓުންނަށް ވާގިވެރިވާ ގައުމެއް ކަމަށެވެ.

"އިޒްރޭލުން ޕާސްޕޯޓު މަނާ ކުރިޔަ ނުދޭން ޝަހީމް އާ ޑީލު ހަދާލީ ދޯ؟ މަދު ލާރިކޮޅަކަށް ވިކޭ ބައެއް ވެރިކަމުގައި މިތިބީ، ޝަހީމް ނެރޭނެ ފަތުވާއެއް ބޭން ކުރުމާ ދެކޮޅަށް،" އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ޝަހީމްގެ ބައްދަލުވުމާ ގުޅިގެން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ އެ ބައްދަލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. އަދި އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ރައީސް ނިންމެވި ނިންމެވުން ތަންފީޒު ނުކޮށް އޮތް ސަބަބަކީ ވެސް އެމެރިކާގެ ފިއްތުން ކަމަށް އެމީހުން ބުނެފައިވެ އެވެ.

"މިއީ އިއްތިފާގެއް ނޫން، އެމްއެންޔޫގައި ބޭއްވި ލެކްޗާއެއްގައި ގަތުލުއާއްމު ބަލައިނުގަންނަ، ޔޫއެސް ޖަސްޓިސް ޑިޕާޓުމެންޓުގެ މީހަކު ބައިވެރިވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުފައި އޮއްވައި އެމެރިކާ ސަފީރު ފޮރިން މިނިސްޓަރާ ބައްދަލު ކުރީ، މިހާރު އިސްލާމިކް މިނިސްޓަރާ [ބައްދަލު މިކުރީ]، ކޮން ބޭނުމެއްގައި؟" އަލްމާސްގެ ނަމުގައި އެކްސްގައި އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދު ކުރުމުގައި އެންމެ ބޮޑު މަދަދުގާރެއްގެ ދައުރު އަދާ ކުރަނީ އެމެރިކާއިންނެވެ. އެ ގައުމުން ދަނީ މާލީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް އިޒްރޭލަށް އެހީތެރިވަމުންނެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމުތަކުގައި ގާޒާއިން އެކަނި ވެސް މިހާތަނަށް 42،519 އަށްވުރެ ގިނަ މީހުން މަރުވެ 99،637 މީހުން ވަނީ ޒަހަމުވެފަ އެވެ.

ނަމަވެސް އެމެރިކާ ސަފީރާ ބައްދަލު ކުރުމުގެ ކުރިން އެކްސްގައި ޝަހީމް އިނގިރޭސިން ކުރެއްވި ޕޯސްޓެއްގައި ފަލަސްތީނުގައި ހިނގަމުންދަނީ "ހަނގުރާމަ" އެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ. އަދި އެ ޕޯސްޓުގައި އިޒްރޭލުގެ ނަން ވެސް ބޭނުން ކޮށްފައެއް ނުވެ އެވެ.

ޝަހީމްގެ ބައްދަލުވުމާ ގުޅޭގޮތުން ހިޔާލުފާޅުކުރި އެކަކު ބުނެފައި ވަނީ އެމެރިކާގެ އެމްބަސެޑަރު ބައްދަލުކުރީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރާ ނަމަވެސް، އެ ބައްދަލުވުމުގައި އިސްލާމީ އެއްވެސް ސިފައެއް ނެތް ކަމަށެވެ.

އެމެރިކާގެ ސަފީރާ މިނިސްޓަރު ޝަހީމް ބައްދަލު ކުރެއްވިއިރު، އެމެރިކާއިން ދަނީ ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ވެރިކަމުގައި އެމެރިކާގެ ސީނިއާ އޮފިޝަލުން 30 އަށް ވުރެ ގިނަ ފަހަރު މި ސަރުކާރުގެ ސީނިއާ އޮފިޝަލުންނާ ވަނީ ބައްދަލުކޮށްފަ އެވެ.

އެމެރިކާއިން ވަނީ ރާއްޖެއަށް ދޭ އެހީތައް ވެސް އިތުރުކޮށްފަ އެވެ. އެގޮތުން އަސްކަރީ މަތިންދާބޯޓަކާއި ކަނޑު ޕެޓްރޯލް ކުރާ ހަތަރު އުޅަނދު ދިނުމަށް އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ. އަދި ދެ ފަހަރެއްގެ މަތިން މަދުވެގެން 12 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމައިފަ އެވެ.