Advertisement

އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން ސައުދީ ބަލިކޮށްފި

19 އޮކްޓޯބަރު 2024 - 09:05 0


އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން ސައުދީ ބަލިކޮށްފި

19 އޮކްޓޯބަރު 2024 - 09:05 0

ބެންގަލޫރުގައި އިއްޔެ ފެށި 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު މެޗުގައި ސައުދީ އަރަބިއްޔާ އަތުން 74-14 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

މުޅިން އަލަށް ވާދަކުރާ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ރާއްޖޭން ވަރުގަދަ ކުޅުމެއް ދައްކައި މެޗު ޑޮމިނޭޓްކުރި އެވެ. އަދި ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި، މެޗުން ފަރަގު ބޮޑު ނަތީޖާއެއް ހޯދައި މޮޅުވީ އެވެ. އެ ގޮތުން ފުރަތަމަ ކުއާޓާރުގައި ރާއްޖެ ނިންމާލީ 20-03 އިން ކުރީގައި އޮވެގެންނެވެ. އަދި ދެ ވަނަ ކުއާޓަރު ނިންމާލިއިރު އޮތީ 39-08 އިން ކުރީގަ އެވެ. ތިން ވަނަ ކުއާޓަރުގައި ވެސް ރާއްޖޭން ފަރަގު ބޮޑުކޮށް، އެޓޭކްގައި ތަފާތު ދެއްކިއިރު، މި ކުއާޓާގައި ރާއްޖެ ކުރީގައި އޮތީ 57-10 އިންނެވެ.

މި ފަަހަރު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ކުރިއަށްދަނީ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ އިތުރުން، ދެން ގްރޫޕް އޭގައި ހިމެނެނީ، މުބާރާތުގައި ކާމިޔާބު ޓީމެއް ކަމަށްވާ ސްރީ ލަންކާ އާއި މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ޖަޕާނެވެ. ގުރޫޕް ބީގައި ހިމެނެނީ، ސިންގަޕޫރު، ހޮންގް ކޮންގާއި ބުރުނާއީ، ތައިލެންޑް، ޗައިނީސް ޓައިޕޭ އާއި އިރާގް އަދި ބަހުރޭނެވެ.

ރާއްޖޭން ދެން ކުޅޭ މެޗުގައި އާދިއްތަ ދުވަހު ބައްދަލުކުރާނީ މެލޭޝިއާއާ އެެވެ. ތިން ވަނަ މެޗުގައި ހޯމަ ދުވަހު ރާއްޖޭން އިންޑިއާއާ ބައްދަލުކުރާނެ އެވެ. އަދި ހަތަރު ވަަނަ މެޗުގައި އަންގާރަ ދުވަހު ފިލިޕީންސާ ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި ބުދަ ދުވަހު ޖަޕާނާ ކުޅެ، ފަހު މެޗުގައި ލަންކާއާ ބައްދަލުކުރާނެ އެވެ.

މީގެ ދެ އަހަރު ކުރިން ބޭއްވި، އޭޝިއާގެ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އެ ގޮތުން، ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި، އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވި އެވެ. އެކަމަކު، އެ މުބާރާތް ވަނީ ކެންސަލްކޮށްލައިފަ އެވެ.