Advertisement

ޕީއެންސީ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ގިނަ، ސަރުކާރު ބިލުތަކަށް ނޫނެކޭ ބުނާނެ: މައުރޫފު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: އޭނާ ވިދާޅުވީ ޕީއެންސީ މެމްބަރުންގެ ތެރޭގައި ހިޔާލުތަފާތުވުން ގިނަ ކަމަށް --- ފޮޓޯ: އެމްޑީޕީ


ޕީއެންސީ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ގިނަ، ސަރުކާރު ބިލުތަކަށް ނޫނެކޭ ބުނާނެ: މައުރޫފު

ވެރިކަން ކުރާ ޕީއެންސީގެ ބިޔަ ޕާލިމަންޓަރީ ގްރޫޕުގެ ތެރޭ ހިޔާލު ތަފާތުވުންތައް ގިނަ ކަމަށާއި އޭގެ ތެރެއިން ބައެއް މެންބަރުން ސަރުކާރުން ހުށަހަޅާ ބިލުތަކަށް ނޫނެކޭ ބުނާނެ ކަން ހާމަކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ، މަޖިލިސް ތެރޭގައި ޕީއެންސީ މެންބަރުން 'ދެ ފިކުރަކަށް' ވާހަކަ ދައްކަވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން އުފާކުރަން ޖެހޭ ވަރުކަމެއް. ވަރަށް ބޮޑަށް ޕީއެންސީ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުން އެބަހުރި. ބައެއް މެންބަރުން ކުޑަދޮށުގައި އަޅުގަނޑުމެން ކައިރި ބުނަމުން އެދަނީ ބައެއް ބިލުތަކަށް ތިމަންނާމެން ރަތް ޖަހާނެ ވާހަކަ،" މައުރޫފު ވިދާޅުވި އެވެ.

ޕީއެންސީ މެންބަރުންގެ ޝަކުވާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީގެ މަޖިލިސް މެންބަރުނަށް ކޮންމެ މަހަކު ދެއްވާ ބައިލައްކަ ރުފިޔާ ލިބުނު ނަމަވެސް ރައްޔިތުންނާ ކުރިމަތިލާން ނުކެރުން ކަމަށްވެސް މައުރޫފު ވިދާޅުވި އެވެ.

"50،000ރ. ދިނަސް ތިމަންނާ މެންނަކަށް ދާއިރާއަށް އަރާކަށް ނުކެރެއޭ. ތަރައްގީގެ މަޝްރޫއުތައް ހުރީ ހުއްޓިފައޭ. އެއް ކަމެއްވެސް ކުރިއަކަށް ނުދެއޭ. މިހެނެއް މިކަމެއް ނުވާނެޔޭ އެއްބަޔަކު ކާލަނީއޭ،" ޕީއެންސީ މެންބަރުން ވިދާޅުވާ ކަމަށް ރޭ އެމްޑީޕީ ހަރުގޭގައި މައުރޫފް ހާމަކުރެއްވި އެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕު ދެކަފިވެފައިވާ ކަމަށާއި އެއް ކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިހުލާސްތެރި މެންބަރުން އަދި އަނެއް ކޮޅުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިހުލާސްތެރި މެންބަރުން ތިއްބެވި ކަަމަށްވެސް ނުސީދާގޮތެއްގައި މައުރޫފު ރޭ ފާހަގަކުރެއްވި އެވެ.

މަޖިލިސް ތެރޭގައި ކޯޅުންގަނޑު ފެންނާނެ. މާގިނަ ދުވަސްތަކެއް ނެތި ޕީއެންސީގެ މަޖިލިސް ބައިބައިވެގެންދާނެ ކަމާ ދޭތެރޭގަ އަޅުގަނޑު ޝައްކެތް ނުކުރަން - މައުރޫފު

ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް މީގެ ކުރިންވެސް އަޑުފެތުރުނެވެ. އެގޮތުން ރައީސް އާއި މަޖިލިސް ރައީސް އާ ދެމެދު އޮތް ނުތަނަވަސްކަން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕުގައިވެސް ފެންމަތިވިކަން ކަށަވަރުކޮށް މި ނޫހުން ވާނީ ގެނެސްދީފަ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ދެމެދު ސިޔާސީ ނުތަނަވަސްކަން އުފެދުނެވެ. އެ ނުތަނަސްކަމުގެ ހުޅުގަނޑު ފަޅައިގެންގޮސް ނަޝީދު އެމްޑީޕީއާ ދުރުވުން ވެގެންދިޔައީ ނިމިދިޔަ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ނާކާމިޔާބު ވުމުގެ މައިގަނޑު އެއް ސަބަބަށެވެ.