Advertisement

ވީއޭއާރްގެ މައްސަލަތައް 80 ޕަސެންޓް މަދުކުރެވިއްޖެ: ވެބް

18 އޮކްޓޯބަރު 2024 - 09:35 0


ވީއޭއާރްގެ މައްސަލަތައް 80 ޕަސެންޓް މަދުކުރެވިއްޖެ: ވެބް

18 އޮކްޓޯބަރު 2024 - 09:35 0

ލަންޑަން (އޮކްޓޫބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި މިހާތަނަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ މައްސަލަތައް 80 ޕަސެންޓް މަދުކުރެވިފައިވާ ކަމަށް ރެފްރީސް ޗީފް، ހޮވާޑް ވެބް ބުނެފި އެވެ.

ޕްރިމިއާ ލީގަށް ވީއޭއާރް ގެނައިތާ ފަސް އަހަރުވެފައިވާއިރު، އޭގެ މައްސަލަތަކުގެ ވާހަކަ ކޮންމެ އަހަރަކު އަންނަނީ އެތަކެއް ފަހަރު ދެކެވިފަ އެވެ. އެ ގޮތުން، ކީމެޗް އިންޑިޕެންޑެންޓް ޕެނަލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސީޒަނުގައި އެކަނި ވެސް ވީއޭއާރް އިން 31 ހާލަތެއްގައި ވަނީ ނުބައިކޮށް ގޮތް ނިންމައިފަ އެވެ.

މިދިޔަ ޖޫން މަހު، ވުލްވްސް އިން ވީއޭއާރް އުވާލަން ހުށަހެޅި ޕްރޮޕޯސަލަށް އެ ޓީމު ފިޔަވައި އެއްވެސް ކްލަބެއްގެ ތާއީދެއް ނުލިބުނެވެ.

"ބޭނުންވާ އެންމެ ރަނގަޅަކަށް ހުރިހާ ކަމެއް ނުދޭ. އެކަމަކު، ޔަގީނުން ވެސް 80 ޕަސެންޓް ގޯސްތައް މިހާރު އެ ހުރީ މަދުކުރެވިފައި. ވީއޭއާރްއާ އެކު ވެސް ކުރިއަށްދެވޭނެކަން މި ފެންނަނީ،" ކުރިން ގިނަ އަހަރުތަކެއް ވަންދެން ޕްރިމިއާ ލީގުގެ މެޗުތަކުގައި އިންސާފުކުރި ރެފްރީ، ވެބް ބުންޏެވެ.

ޕްރިމިއާ ލީގުން ވަނީ، ހާއްސަކޮށްފައިވާ ސޯޝަލް މީޑިއާ އެކައުންޓެއް މެދުވެރިކޮށް، ވީއޭއާރްގެ ނިންމުންތައް ހިއްސާކުރަމުންނެވެ. އެކަމަކު، މި މަސް ނޫނީ އަންނަ މަހުން ފެށިގެން ބޭނުންކުރަން ހަމަޖެހިފައި އޮތް ސެމީ އޮޓޯމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ (އެސްއޭއޯޓީ) ބޭނުންކުރުން އަންނަ އަހަރާ ޖެހެންދެން ވަނީ ފަސްކޮށްފަ އެވެ.