Advertisement

ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފު

ބީއެމްއެލްގެ އާ ސީއީއޯ ޝަރީފު


ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު އައްޔަންކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމާއި އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ކާލް ސްޓުމަކް އިސްތިއުފާދެއްވުމުންނެވެ. އާ ސީއީއޯ އައްޔަންކުރީ ކާލް އިސްތިއުފާ ދެއްވިތާ މަހަކަށްވުރެ ގިނަ ދުވަސްފަހުންނެވެ.

އެ ބޭންކުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޝަރީފަކީ މިހާތަނަށް ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ފުރަތަމަ ދިވެހި ރައްޔިތުކަމަށާއި މިއީ ބޭންކަށް އަދި ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ޝަރީފު މީގެ ކުރިން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން އަދާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.

ޝަރީފް ވެެގެން މިދިޔައީ ބީއެމްއެލްގެ 42 އަހަރުގެ ދިގު ތާރީހުގައި އެ ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯ އަށެވެ.

"މިއީ ބޭންކަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށްވެސް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ،" ބީއެމްއެލްއިން ނެރުނު ބަޔާނުގައިވެ އެވެ.

ޝަރީފް އަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވެ އެވެ.

ބީއެމްއެލްގައި ޝަރީފް މަސައްކަތް ކުރެއްްވި ދުވަސްވަރު ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި އޭނާގެ ދައުރު މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއ،ި ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފްކުރުމާއ،ި ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުގައި އިސް ދައުރެއް އޭނާ އަދާކުރެއްވި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"ބޭންކަށް ހިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއްކަމަށްވާ އިސްލާމިކް ބޭންކިން، ޓެކްނޮލޮޖ،ީ މާކެޓިން، ރީޓެއިލް ބޭންކިން އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ." ބޭންކުގެ ބަޔާނުގައިވެ އެވެ.

ޝަރީފު ކުރިން ބީއެމްއެލްގައި އުޅުއްވި ދުވަސްވަރު ބޭއްވި އަހަރީ އާންމު ޖަލްސާއެއްގައި. -- ފޮޓޯ: އަވަސް


ޝަރީފު އެމްބީއޭ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިންނެވެ.

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމް ވެސް 2018 އިން 2020 އަށް ޝަރީފު އަދާކުރެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ތުހުމަތު ތަކެއްވެސް ޝަރީފަށް ކުރެވުނެވެ. އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ޝަރީފު ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މަޖިލީހުން އެ މައްސަލަ ފުލުހުންނަށް ވެސް ފޮނުވި އެވެ. ނަމަވެސް ބޭންކުން އެކަން ދޮގުކުރެ އެވެ.

ދާދި ފަހުން ބީއެމްއެލްގެ ބޯޑަށް ވެސް ބޮޑެތި ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފަ އެވެ. އެ ބަދަލުތައް ގެނައީ ބޭންކު ކާޑުތަކުން ރާއްޖެއިން ބޭރަށް މުއާމަލާތް ކުރުމުގެ ލިމިޓުތަކަށް ބަދަލު ގެނެސް މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރުމަށްފަހު އެވެ.

އޮގަސްޓު މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާގެ ތަހުގީގެއް ވެސް ފުލުހުން ފެށި އެވެ. ނަމަވެސް މިހާތަނަށް އެ ތަހުގީގުގެ ބޭނުމަށް އެއްވެސް މީހަކާ ސުވާލެއް ވެސް ނުކުރެ އެވެ.