Advertisement

ހަރަދުކުޑަކުރަން ޔުނައިޓެޑުން ފާގަސަންގެ ރޯލު އުވާލަނީ

about 7 hours 0


ހަރަދުކުޑަކުރަން ޔުނައިޓެޑުން ފާގަސަންގެ ރޯލު އުވާލަނީ

about 7 hours 0

މެންޗެސްޓާ (އޮކްޓޫބަރު 16) - މެންޗެސްޓާ ޔުނައިޓެޑުން ހަރަދުުކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން މި ސީޒަން ނިމުމުން، އެ ޓީމުގެ ލެޖެންޑަރީ ކޯޗު އަލެކްސް ފާގަސަންގެ އެމްބަސަޑަރު ރޯލު އުވާލަން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޔުނައިޓެޑަށް 1986 އިން 2013 އަށް ކޯޗުކޮށްދިން ފާގަސަން، 82، އެ އަހަރަށް ފަހު އަންނަނީ، ޔުނައިޓެޑްގެ އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެ ގޮތުން، އެ ޑީލުގެ ސަބަބުން އަހަރަކު ފާގަސަން އަށް ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރުގެ އެލަވަންސެއް ލިބެ އެވެ.

އެކަމަކު، ޔުނައިޓެޑްގެ ފުޓްބޯޅަ އޮޕަރޭޝަންގެ ކަންކަން ބަލަަހައްޓަމުން އަންނަ އިނިއޯސް ކުންފުނިން އެ ކްލަބްގެ އެކި ކަހަލަ ހަރަދުތައް ކުރުމުގެ ސިސްޓަމަށް ގެންނަން ވިސްނާފައިވާ ބަދަލުތަކުގެ ތެރެއިން، ފާގަސަންގެ މި ޑީލް ވެސް އުވާލަން ވަނީ ނިންމައިފަ އެވެ. އެކަމަކު، ފާގަސަން އަށް ޔުނައިޓެޑްގެ އޮނަރަރީ މަގާމެއް (ފައިސާ ނުހިމެނޭ ގޮތަށް) ދޭން ވަނީ ނިންމައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗަކަށް ހުރެ ފާގަަސަން ވަނީ 13 ލީގު ތަށްޓާއި ފަސް އެފްއޭ ކަޕާއި ހަތަރު ލީގު ކަޕް ތަށްޓާއި ދެ ޗެމްޕިއަންސް ލީގާއި އެއް ކްލަބް ވޯލްޑް ކަޕް ހޯދައިފަ އެވެ. ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމު 11 ފަހަރު ހޯދި ފާގަަސަން ވަނީ ޔުއެފާ އިން ހޮވި މޮޅު ކޯޗުގެ މަގާމު އެއް ފަހަރު ހާސިލްކޮށްފަ އެވެ.

ހަރަދުކުޑަކުރުމުގެ ގޮތުން، ޔުނައިޓެޑުން ވަނީ ޖުލައި މަހުން ފެށިގެން މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ކަންތައްތަކެއް ވެސް ފަށައިފަ އެވެ. އެކަމުގެ ޓާގެޓަކީ، ކްލަބްގެ ހަރަދުކުރުމުގެ ވައްޓަފާޅި އަށް ނަތީޖާ ނެރެވޭ ރަނގަޅު ބަދަލެއް ގެނެސް، މިހާރު ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން، 58 މިލިއަން ޑޮލަރު އަހަރަކު ސަލާމަތްކުރުމެވެ.