Advertisement

ބެޑްމިންޓަންގެ ހާލަތާ ގުޅޭގޮތުން އިއްޕަގެ މުހިންމު ސުވާލެއް

15 އޮކްޓޯބަރު 2024 - 11:42 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިއްޕަ،--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ބެޑްމިންޓަންގެ ހާލަތާ ގުޅޭގޮތުން އިއްޕަގެ މުހިންމު ސުވާލެއް

15 އޮކްޓޯބަރު 2024 - 11:42 1

ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، އިޝްފާން މުހައްމަދު (އިއްޕަ)، ރާއްޖޭގެ ބެޑްމިންޓަނަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތާ ގުޅޭގޮތުން މުހިންމު ސުވާލެއް ކުރިމަތިކޮށްފި އެވެ.

މިދިޔަ އޮގަސްޓް މަހު 15 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ހިންގުން، ސްޕޯޓްސް ކައުންސިލާ ހަވާލުކޮށްފަ އެވެ. އެއީ، އެސޯސިއޭޝަންގެ މައްސަލަތަކަށް ހައްލެއް ހޯދޭތޯ ތަކުރާރުކޮށް ގުޅިގެން ކުރި މަސައްކަތުގައި އަލި މަގެއް ނުފެނުމުންނެވެ. އޭގެ ފަހުން، އޮގަސްޓް މަހު، 20 ވަނަ ދުވަހު، އޮލިމްޕިކް ކޮމިޓީ އަށް ބީޑަބްލިއުއެފް އިން ފޮނުވި ސިޓީގައި، ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހަވާލުކޮށްފިނަމަ ރާއްޖެ އަށް ފިޔަަވަޅު އަޅަން ޖެހިދާނެ ކަމަށް ވަނީ ބީޑަބްލިއުއެފް އިން ބުނެފަ އެވެ.

އެ ގޮތަށް ބީޑަބްލިއުއެފްގެ އިންޒާރެއް އައީ، ބެޑްމިންޓަން އެސޯސިއޭޝަނުން ދިން ނުރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ކަމަށް ތޮލާލް އޭރު ވިދާޅުވި އެެވެ. ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމަށް އަަމަލުނުކުރަން ވަގުތީ އަމުރެއް ނެރެދޭން ސިވިލް ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ، ކޯޓުން ނިންމާފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން މިހާރު ހިނގަމުން އަންނަނީ މި އަހަރު މާޗް މަހު މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަކުން ކަމަށްވާތީ، އެ އެސޯސިއޭޝަނުގެ އެ ފަރާތްތަކަށް ކޯޓަށް މައްސަލަ ހުށަހެޅޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ މި ވަގުތު ބީޑަބްލިއުއެފްގެ ކައުންސިލްގައި އޮތްއިރު، އިންތިޒާރުކުރަމުން އަންނަނީ ބައިނަލްއަގުވާމީ ފެޑެރޭޝަނުގެ ނިންމުމަކަށްކަން އެނގިފައިވެ އެވެ. އެކަން، "އަދަދު ސްޕޯޓްސް" އިން ރިޕޯޓްކޮށްފައިވާ ހަބަރު ހިއްސާކުރެއްވުމަށް ފަހު، އިއްޕަ ފާހަގަކުރީ މުހިންމު ކަންތައްތަކެކެވެ.

"ދައުލަތުން 95 ޕަސެންޓް ހުރިހާ ކަމަކަށް ފަންޑް ކުރަނީ.. އިންޓަނޭޝަނަލް ފެޑެރޭޝަނަށް ޗަންދާ ދައްކާފައި. އެ ވެސް ދައުލަތުން ދޭ ފައިސާއިން. ގޮތް ނިންމަނީ އިންޓަނޭޝަަނަލް ފެޑެރޭޝަން އިން." 2016 އިން ފެށިގެން މި އަހަރުގެ މާޗަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރި، އިއްޕަ، އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.


"ބެޑްމިންޓަން ކުޅުންތެރިންނަށް ހާއްސަކޮށް، މާލޭގައި ޓްރެއިނިން ހަދާ ޖޫނިއާ ލެވަލް، އިވެންޓެއް ނެތްތާ 14 މަހަށް ވުރެ ގިނަ ދުވަސްވީ،"

ސްޕޯޓްސް ކޮމިޝަނަރު، ތޮލާލް، ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ހަވާލުކުރަން އެންގި އެންގުމާ އެއްގޮތަށް އެކަމެއް ނުހިނގަ އެވެ. ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްގެ ވެބްސައިޓް ބުނާގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ، އެންމެ ފަހުން އޮތް އެ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާ އެވެ. އަދި ޖެނެރަލް ސެކްރެޓަރީ އަކީ، މުހައްމަދު ނަސީރު އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައިވާ ގޮތުން، 23 ވަނަ މާއްދާގައި ވައިސް ޕްރެޒިޑެންޓް (ނައިބު ރައީސް)ގެ ޒިންމާގެ ގޮތުގައި ހިމަނާފައިވަނީ، "އެސޯސިއޭޝަން ހިންގުމުގައި ޕްރެޒިޑެންޓަށް އެހީތެރިވެ އެސޯސިއޭޝަންގެ މަަަސައްކަތްތަކުގެ ތެރެއިން ޕްރެޒިޑެންޓް އަންގާ މަސައްކަތް ކުރުމާއި، ޕްރެޒިޑެންޓް ނެތް ހިނދެއްގައި، ޕްރެޒިޑެންޓްގެ ހުރިހާ މަސްއޫލިއްޔަތެއް އުފުލާނީ ވައިސް ޕްރެޒިޑެންޓް އެވެ." މިހެނެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގައި އެންމެ ފަހުން އޮތް އިންތިހާބީ ބޯޑުގެ ދައުރު، މި އަހަރުގެ މާޗް މަހަށް ވަނީ ހަމަވެފަ އެެވެ. ކަންކަން ހައްލުކޮށް އިންތިހާބެއް ބާއްވަން ދިން މުއްދަތުަގއި އެކަމެއް ނުކުރެ އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެކި މަގާމުތައް ފުރުއްވި، އަދި އެ ޖަމިއްޔާތަކާ ގާތްގުޅުމެއް އޮންނަ، މޫސަ، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ތިން ވަނަ ދައުރުގެ މުއްދަތު މި އަހަރުގެ މާޗް މަހަށް ހަަމަވި އެވެ. އެކަމަކު، މޫސަ އިސްތިއުފާ ދިނީ، ހަތަރު މަސް ވީ ފަހުން ޖުލައި މަސް ތެރޭގަ އެވެ.