Advertisement

އެއާ ކާގޯގެ ގޮތުގައި ރާއްޖެއަށް އެތެރެކުރި ކެނެބިސް ވޭޕު އޮއިލް ޝިޕްމެންޓެއް އަތުލައިގެންފި

14 އޮކްޓޯބަރު 2024 - 23:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެއާޕޯޓުން އަތުލައިގަތް ކެނެބިސް ވޭޕް އޮއިލް ޝިޕްމެންޓު -- ފޮޓޯ: މިނިސްޓަރު އަލީ އިހުސާން


އެއާ ކާގޯގެ ގޮތުގައި ރާއްޖެއަށް އެތެރެކުރި ކެނެބިސް ވޭޕު އޮއިލް ޝިޕްމެންޓެއް އަތުލައިގެންފި

14 އޮކްޓޯބަރު 2024 - 23:49 0

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކެނެބިސް ވޭޕް އޮއިލް ޝިޕްމެންޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފި އެވެ.

މަސްތުވާތަކެތި ހުރި ވޭޕް އޮއިލް ޝިޕްމެންޓެއް އަތުލައިގެންކަން ހާމަ ކުރެއްވީ ހޯމް މިނިސްޓަރު، އަލީ އިހުސާން އެވެ.

އަތުލައިގެން ތަކެއްޗާއެކު އެކްސްގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތަކެތި ރާއްޖެ އެތެރެ ކުރަން އުޅެފައި ވަނީ ވޭޕް އޮއިލްގެ ނަމުގައި ކަމަށާއި އެ ޝިޕްމެންޓު އަތުލައިގަތީ ކަސްޓަމްސްއިން ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެ މައްސަލައިގައި މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހަކު އަދި ފުލުހުންގެ ބެލުމުގެ ދަށަކަށް ނުގެނޭ، މިހާރު ތަހުގީގު ކުރަމުން އެދަނީ އެ މައްސަލަ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި ރާއްޖެއަށް ވޭޕު އެތެރެކޮށް ވިޔަފާރި ކުރުމާއި އޭގެ ބޭނުން ކުރުން މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވެސް މިފަދަ ކަންކަމާ ގުޅިގެން ކަމަށެވެ. ރާއްޖޭގައި ވޭޕު މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައި ވަނީ މި އަންނަ ޑިސެމްބަރު 15 އިން ފެށިގެންނެވެ.

އެ ނިންމުމަށް އަމަލު ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ބަންޑާރަނައިބު، އަހުމަދު އުޝާމް މިރޭ ވިދާޅުވި އެވެ.