Advertisement

ވިފާގުގެ މަރާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކުނު ބައެއް ވާހަކަތަކަށް ފުލުހުން މައާފަށް އެދެފި

14 އޮކްޓޯބަރު 2024 - 22:05 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ފުލުހުންގެ މައި އިމާރާތް: އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އާންމުކުރި ބައެއް މައުލޫމާތާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައި -- ފޮޓޯ: އަދަދު ފައިލް


ވިފާގުގެ މަރާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކުނު ބައެއް ވާހަކަތަކަށް ފުލުހުން މައާފަށް އެދެފި

14 އޮކްޓޯބަރު 2024 - 22:05 1

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މ. ހަސޯވާ ބިލްޑިންގުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނުގެ މަރާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ދެއްކި ބައެއް ވާހަކަތަކަކީ އެންމެ ރަނގަޅަށް ގެނެސްދެވުނު ވާހަކަތަކެއް ނޫން ކަމަށް ގަބޫލުކޮށް އެ މުއައްސާސާއިން މައާފަށް އެދެފި އެވެ.

ދާދި ދެންމެއަކު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެހައި ތަފުސީލުކޮށް މައުލޫމާތު ހިއްސާ ކުރީ ވިފާގުގެ މަރާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް މީޑިއާއަކުން ގެނެސްދިނުމުން ކަމަށެވެ.

ނަމަވެސް އެ މައުލޫމާތުތައް ހިއްސާކުރީ އެންމެ ރަނގަޅު ގޮތުގައި ނޫންކަން ގަބޫލު ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެ މީޑިއާ ބްރީފިން ކުރިއަށް ގެންދިޔުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނުކަން މި ހިތުމަތުގެ ފަރާތުން ގަބޫލުކޮށް، އެކަމަށް އެންމެހައި ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ވިފާގުގެ މަރާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގުއާ ގުޅޭ ޒާތީ ވަރަށް ބައިވަރު މައުލޫމާތު ފުލުހުން އާންމުކުރި އެވެ. އެކަމަށް އާންމުންގެ ފަރާތުން ފާޑުކިޔުން ވެސް އެ މުއައްސަސާއަށް އަމާޒުވި އެވެ.

ދެންމެ ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މުއައްސަސާއިން އާންމުކުރި މައުލޫމާތުތަކަކީ ވިފާގުގެ އާއިލާއަށް އެނގިގެން ހިއްސާކުރި މައުލޫމާތުތަކެއް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު 14، ގައި އިމާރާތަކުން ވެއްޓި ވިފާގު މަރުވި މައްސަލައަށް ބިނާކޮށް ބަޔަކު ވަނީ ޑޮކިއުމެންޓަރީއެއް ހަދައިފަ އެވެ. އެ ޑޮކިއުމެންޓަރީގައި އާއިލާގެ ބައެއް މެންބަރުންނަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.