Advertisement

ހައި ކޯޓުގައި އިސްތިއުނާފު ކުރި، ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރުމުގެ މައްސަލަ އަނބުރާ ނަގަނީ

14 އޮކްޓޯބަރު 2024 - 16:57 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖޭގައި އުދުއްސާ ޑޯނިއާ މަތިންދާ ބޯޓު: މައްސަލަ އަނބުރާ ގެންދަން ނިންމީ އެ މައުލޫމާތު ހާމަ ކުރަން ކަމެއް ނުވަތަ ނޫން ކަމެއް އެ މިނިސްޓަރީން ނުބުނޭ -- ފޮޓޯ: އެމްއެންޑީއެފް


ހައި ކޯޓުގައި އިސްތިއުނާފު ކުރި، ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރުމުގެ މައްސަލަ އަނބުރާ ނަގަނީ

14 އޮކްޓޯބަރު 2024 - 16:57 1

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ޑޯނިއާ އަސްކަރީ މަތިންދާބޯޓު ދުއްވަން ތަމުރީނުކުރި ދިވެހި ސިފައިން އެ އުޅަނދު ނުދުއްވާ ސަބަބު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ސިއްރު ކުރަން އެމްއެންޑީއެފް އިން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އަނބުރާ ގެންދަން އެ އިދާރާއިން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށެވެ.

ނަމަވެސް އެގޮތަށް ނިންމީ އެ މައުލޫމާތު ހާމަ ކުރަން ކަމެއް ނުވަތަ ނޫން ކަމެއް އެ މިނިސްޓަރީން ނުބުނެ އެވެ.

އުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓްރީގައި އެދުނީ "މިހާރު" ނޫހުގެ ފަރާތުންނެވެ.

މައުލޫމާތު ސިއްރުކުރުމުން އާރުޓީއައި ހުށަހެޅި ފަރާތުން މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށެވެ. މި މައްސަލާގައި ހަތަރު އަޑުއެހުމެއް ބޭއްވުމަށްފަހު ސިއްރުކުރި މައުލޫމާތު ހާމަކުރުމަށް އައިކޮމް އިން ޑިފެންސަށް އެންގީ ސެޕްޓެމްބަރު 9، ގަ އެވެ. މައުލޫމާތު ދިނުމަށް އައިކޮމް އިން ދިނީ ރަސްމީ ފަސް ދުވަހުގެ މުހުލަތެކެވެ.

ނަމަވެސް، ދިފާއީ ވުޒާރާއިން ވަނީ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި އައިކޮމްގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ ކޯޓުގައި ވެބްސައިޓުން އެނގޭ ގޮތުގައި މި މައްސަލަ ކޯޓަށް ހުށަހެޅީ އޮކްޓޯބަރު 8، ގަ އެވެ.

ދިފާއީ ވުޒާރާއިން ޑޯނިއާ އާ ބެހޭ މައުލޫމާތު ސިއްރުކުރިއިރު، އެ އުޅަނދު މީގެކުރިން ދުއްވީ ރާއްޖޭގައި އިންސާނީ އެހީގެ މަސައްކަތްތަކަށް ތިބި އިންޑިއާ ސިފައިންނެވެ. ނަމަވެސް، މި ސަރުކާރުން އިންޑިއާއާއެކު މަޝްވަރާކޮށް ސިފައިން ފޮނުވާލާ އެ އުޅަނދު ދުއްވުމަށް މިހާރު ގެނެސްފައި ތިބީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏެއްގެ މުވައްޒަފުންނެވެ.

އެމްއެންޑީއެފް އިން މީގެ ކުރިން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަނީ އެމްއެންޑީއެފްގެ ޖުމްލަ ހަ އޮފިސަރަކު ތަމްރީނުކޮށްފަ އެވެ. އެ ހުރިހާ އޮފިސަރުން ވެސް ތަމްރީނުވީ 2021 ގެ ފަހުންނެވެ.