14 އޮކްޓޯބަރު 2024 - 16:00 2
އަހުމަދު އާއިދު
ޓޫރިޒަމް މިނިސްޓަރު ފައިސަލް: އެމްއެމްޕީއާރުސީ ކޮރަޕްޝަނަށްފަހު ރައީސްގެ ހުއްދަ ނަގައިގެން ނޫނީ ރިސޯޓުހަދަން ރަށްތައް ނުވިއްކޭގޮތަށް އޮތް މާއްދާ އުވާލަން ސަރުކާރުން ވަނީ ހުށަހަޅާފަ --- ފޮޓޯ: އަދަދު
14 އޮކްޓޯބަރު 2024 - 16:00 2
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ހިޔާނާތަށް ފަހު، ރިސޯޓު ތަރައްގީކުރަން ބިމާއި، ރަށް އަދި ފަޅު ދޫކުރުމުގެ ކުރިން ރައީސް އޮފީހުން ހުއްދަ ނަގަން ޖެހޭ ގޮތަށް ގާނޫނަށް އިތުރުކުރި މާއްދާ އުވާލަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހިމެނީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން، ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި އިއްވި އެވެ.
އެ ބިލުގައި ހުށަހެޅީ، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުމުގެ ކުރިން ރައީސް އޮފީހުން ހުއްދަ ހޯދުން ލާޒިމްކުރާ މާއްދާ އުނިކުރުމަށެވެ. ނަމަވެސް ހަމަ އެ މާއްދާގައި، މި އުސޫލުން ރަށްތައް ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިށަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރުން ލާޒިމްކުރާ މާއްދާ އުވާލަން ހުށަހަޅާފައެއް ނުވެ އެވެ.
އެ އިސްލާހާ ގުޅިގެން ސުވާލުކުރުމުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ ރަށްތައް ދޫކުރުމަށް މިހާރު އޮންނަ ދިގު މަގު ކުރުކުރުމަށް ގެންނަ ބަދަލެއް ކަމަށެވެ. ނަމަވެސް، ދެންވެސް ދޫކުރާނީ އެކަމަށް ކޮންމެ އަހަރަކު ސީދާ ރައީސް ހަދާ ލިސްޓަކުން ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެވެސް މި ބިލުން ހުށަހެޅި އިސްލާހެކެވެ.
"އެ ޕްރޮސެސް ތަންކޮޅެއް ދިގުވަނީ. އިވެލުއޭޝަން ނިންމާފަ އަދި ފޮނުވާނީ އެޕްރޫވަލް އަށް. ރައީސް އޮފީހަށް. ފޮނުވައިގެން އަދި އޭޖީގެ ލަފަޔަށްވެސް ފޮނުވާނެ. އެހެންވެގެން އަސްލު ޓޫރިޒަމް މިނިސްޓްރީންތާ މި ހުރިހާ މަސައްކަތެއް ކުރާނީ. އެހެންވެ ޕްރޮސެސް އަވަސްކުރުމުގެ ގޮތުން [ބަދަލު ގެންނަނީ]،" ފައިސަލް ވިދާޅުވި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް މި މާއްދާ އިތުރުކުރީ އެމްއެމްޕީއާރުސީ ހިޔާނާތަށްފަހު އޭރުގެ ސަރުކާރުން އެ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރެއިން ޖުލައި 10، 2016 ގަ އެވެ. އެ އިސްލާހު މަޝްހޫރުވީ އިއުލާނުކުރުމަކާ ނުލާ ޓޫރިޒަމަށް ރަށްތައް ދޫކުރެވޭ ގޮތް ހެދި އިސްލާހުގެ ގޮތުގަ އެވެ.
ސަރުކާރުން މިފަހަރު ހުށަހެޅި ބިލުގައި މިކަމުގެ އިތުރުން ވެސް ގާނޫނަށް އިސްލާހުތަކެއް ވަނީ ހުށަހަޅާފަ އެވެ.
އޭގެ ތެރޭގައި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް އުފުލުން ހިމެނެ އެވެ. މިހާރު ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 16 ޕަސެންޓެވެ. އޭގެ އިތުރުން ގްރީން ޓެކްސް ވެސް ބޮޑު ކުރަން ސަރުކާރުން ވަނީ އެ ގާނޫނު އިސްލާހު ކުރަން ނިންމައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment