Advertisement

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ބަދަލު ކުރަނީ

13 އޮކްޓޯބަރު 2024 - 23:27 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން ޝަހީބްއާ ސަލާމް ކުރައްވަނީ: މީގެ ކުރިން ޝަހީބް ހުންނެވީ ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުގަ -- ފޮޓޯ: ރައީސް އޮފީސް


ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ބަދަލު ކުރަނީ

13 އޮކްޓޯބަރު 2024 - 23:27 0

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބު އެ މަގާމުން ދުރުކޮށް އެހެން މީހަކު އެ މަގާމަށް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު ޝަހީބުގެ ބަދަލުގައި އައްޔަން ކުރާ މީހާގެ ނަން ފާސް ކުރުމުގެ މަސައްކަތް ވަނީ އެޖެންޑާގައި ހިމަނައިފަ އެވެ.

ޝަހީބު އެ މަގާމަށް އައްޔަންކޮށްފައި ވަނީ ނޮވެމްބަރު، 2022، ގަ އެވެ. އާންމުކޮށް ސަފީރެއް އޭނާއަށް ކަނޑައަޅާ ގައުމެއްގައި މަސައްކަތް ކުރަނީ ތިން އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް ސަފީރުކަމުގެ ޓާމް ހަތަރު އަހަރަށް ވެސް ބައެއް ފަހަރު އިތުރު ކުރެ އެވެ.

އެކަމަކު، ސަފީރުގެ ޓާމް ހަމަވުމުގެ ކުރިން ބައެއް ފަހަރު އެހެން ގައުމަކަށް ބަދަލު ކުރުމަކީ ވެސް އާދަޔާ ހިލާފު ކަމެއް ނޫނެވެ. ނަމަވެސް އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އެހެން ގައުމަކަށް ބަދަލު ކުރަނީ ކަމެއް ނުވަތަ މަގާމުން ދުރު ކުރަނީ ކަމެއް ނޭނގެ އެވެ.

އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ޝަހީބު ހުންނެވީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ހޭދަ ކުރެއްވީ އެއް އަހަރެވެ.

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ޝަހީބު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ޖެނުއަރީ 8، ގައި ހާޒިރުކޮށްފަ އެވެ. އެއާއެކު ރާއްޖެއިން ވެސް ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރު ހާރިޖީ އޮފީހަށް ހަމަ އެ ދުވަހު ހާޒިރުކޮށްފަ އެވެ.