13 އޮކްޓޯބަރު 2024 - 20:38 0
13 އޮކްޓޯބަރު 2024 - 20:38 0
ޝަންހާއީ، ޗައިނާ (އޮކްޓޫބަރު 13) - ނޮވަކް ޖޮކޮވިޗްގެ މައްޗަށް ކުރިހޯދައި، އިޓަލީގެ ޖަނިކް ސިނާ، ޝަންހާއީ މާސްޓާސްގެ ޗެމްޕިއަންކަން ހޯދައި، މި އަހަރު އޭނާ ދަމަހައްޓަމުން އަންނަ އާދަޔާހިލާފު ފޯމު ކުރިއަށްގެންގޮސްފި އެވެ.
މި އަހަރުގެ މާޗް މަހު، ސިނާ ވަނީ މަނާބޭހަކަށް ދެ ފަހަރު ކުރި ޓެސްޓުން ވެސް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު، އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަން ޔަގީންވުމުން، ކުޅުމުގެ ފުުރުސަތު ދިނީ އެވެ. ސިނާގެ މި މައްސަލަ ބެލިބެލުމުގައި އެނގިފައިވަނީ، މިއީ، ސިނާގެ ފިޒިއޯތެރަޕިސްޓް އޭނާ އަށް ދިން ބޭހެއްގައި ހިމެނުނު މާއްދާއެއް ކަމެވެ. ސިނާ ސަސްޕެންޑްކުރަން ނިންމި ނަމަވެސް، އޭނާ އެ މައްސަލައިގައި އެޕީލްކޮށް، ކުޅުުމުގެ ފުރުސަތު ހޯދީ، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ފަހު ގޮތެއް ނިންމަންދެނެވެ.
ޝަންހާއީ މާސްޓާސް ފައިނަލުގައި ސިނާ ވަނީ ޖޮކޮވިޗް އަތުން، 7-6 (7-4) 6-3 އިން މޮޅުވެފަ އެވެ. ސިނާ، 23، އަކީ މި މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ފައިނަލް މެޗުގެ ތެރެއިން ޖޮކޮވިޗް (ވ) އާއި ސިނާ ސަލާމްކުރަނީ.
ސިނާ ވަނީ މި އަހަރު ހަތް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި، އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް އާއި އޮސްޓްރޭލިއާ އޯޕަން އާއި ފަހު ގްރޭންޑް ސްލޭމް ޔޫއެސް އޯޕަން ހިމެނެ އެވެ. މި އަހަރު ކުޅުނު، 71 މެޗުގެ ތެރެއިން ސިނާ ވަނީ 65 މެޗުން މޮޅުވެފަ އެވެ.
ޝަންހާއީ މާސްޓާސް، ހަތަރު ފަހަރަށް ކާމިޔާބުކޮށްފައިވާ އެ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޖޮކޮވިޗް، ޝަންހާއީ މާސްޓާސްގައި މި ފަަހަރު މި ވާދަކުރީ ފަސް އަހަރަށް ފަހު އެވެ. ކޮވިޑް-19ގެ ވެކްސިނުގެ މައްސަލައެއްގައި ތާށިވި، ޖޮކޮވިޗް، މި އަހަރުގެ ކުރިން، އެންމެ ފަހުން ޝަންހާއީ މާސްޓާސްގައި ވާދަކުރީ 2019 ވަނަ އަހަރު އެވެ. ޖޮކޮވިޗް ހުރީ އޭޓީޕީގެ 1000 ވަނަ އިވެންޓުގައި އޭނާގެ 100 ވަނަ ތަށި ހޯދުމަށް އަޒުމުކަނޑައަޅައިގެންނެވެ. އެކަމަކު، ފައިނަލުން ބަލިވެ، އިންތިޒާރު ދިގުލައިދިޔައީ އެވެ.
"ކޮންމެ ވެސް މުބާރާތެއްގައި އެ ކާމިޔާބު (100 ވަނަ ތަށި) ހޯދަން މަސައްކަތް ކުރުމުގައި ދެމިހުންނާނަން، މި ވަގުތު އަހަރެންގެ ފޯކަސް އަކީ ގްރޭންޑް ސްލޭމްގައި ނަތީޖާ ރަނގަޅުކުރުން،" ޖޮކޮވިޗް ބުންޏެވެ.
މީގެ ކުރިން، 100 ތަށި ހަމަކޮށްފައިވާ ދެ ކުޅުންތެރިންނަކީ، 109 ތަށި ހޯދި ޖިމީ ކޮނާސް އާއި 103 ތަށި ހޯދި ރޮޖާ ފެޑެރާ އެވެ. ޖޮކޮވިޗް މި ވަގުތު، 99 ތަށިި ހޯދާފައި އޮތްއިރު، ކޮނާސް އާއި ފެޑެރާގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ޖޮކޮވިޗް އަށް އެބައޮތެވެ.
Comment