Advertisement

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ހައްލެއް އޮތީ ބައިނަލްއަގުވާމީ ފެޑެރޭޝަންގެ ޖަވާބަކުން

13 އޮކްޓޯބަރު 2024 - 12:53 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ހައްލެއް އޮތީ ބައިނަލްއަގުވާމީ ފެޑެރޭޝަންގެ ޖަވާބަކުން

13 އޮކްޓޯބަރު 2024 - 12:53 0

ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އާ ވަނީ ވާހަކަ ވެސް ދައްކައިފަ އެވެ. ރާއްޖޭގެ ބެޑްމިންޓަން ހާލަތު ވެސް އޮޅުންފިލުވައިދީފަ އެވެ. އެކަމަކު، ބީޑަބްލިއުއެފް އިން އަދިވެސް އޮތީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ކުރިއަށްދާނެ ގޮތެއް ނުނިންމަ އެވެ. ބީޑަބްލިއު އެފަށް ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތު ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތްތަކަށް ކުރެ އެވެ.

މިދިޔަ އޮގަސްޓް މަހު 15 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ހިންގުން، ސްޕޯޓްސް ކައުންސިލާ ހަވާލުކޮށްފަ އެވެ. އެއީ، އެސޯސިއޭޝަންގެ މައްސަލަތަކަށް ހައްލެއް ހޯދޭތޯ ތަކުރާރުކޮށް ގުޅިގެން ކުރި މަސައްކަތުގައި އަލި މަގެއް ނުފެނުމުންނެވެ.

އޭގެ ފަހުން، އޮގަސްޓް މަހު، 20 ވަނަ ދުވަހު، އޮލިމްޕިކް ކޮމިޓީ އަށް ބީޑަބްލިއުއެފް އިން ފޮނުވި ސިޓީގައި، ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހަވާލުކޮށްފިނަމަ ރާއްޖެ އަށް ފިޔަަވަޅު އަޅަން ޖެހިދާނެ ކަމަށް ވަނީ ބީޑަބްލިއުއެފް އިން ބުނެފަ އެވެ. އެ ގޮތަށް ބީޑަބްލިއުއެފްގެ އިންޒާރެއް އައީ، ބެޑްމިންޓަން އެސޯސިއޭޝަނުން ދިން ނުރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ކަމަށް ތޮލާލް އޭރު ވިދާޅުވި އެެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމަށް އަަމަލުނުކުރަން ވަގުތީ އަމުރެއް ނެރެދޭން ސިވިލް ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލަ، ކޯޓުން ނިންމާފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން މިހާރު ހިނގަމުން އަންނަނީ މި އަހަރު މާޗް މަހު މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަކުން ކަމަށްވާތީ، އެ އެސޯސިއޭޝަނުގެ އެ ފަރާތްތަކަށް ކޯޓަށް މައްސަލަ ހުށަހެޅޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ވިދާޅުވީ، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމާ ގުޅޭ ގޮތުން ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖޭގެ ބެޑްމިންޓަން ހަލާކުވެގެންދާނެ ކަމަށެވެ.

މައްސަލަތަކަށް ހައްލެއް ނުލިބޭ، ހަރުދަނާ ފިޔަވަޅެއް ނޭޅި ދުވަސްތައް ގުނަނީ!

ސްޕޯޓްސް ކޮމިޝަނަރު، ތޮލާލް، ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ހަވާލުކުރަން އެންގި އެންގުމާ އެއްގޮތަށް އެކަމެއް ނުހިނގަ އެވެ.

ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްގެ ވެބްސައިޓް ބުނާގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ، އެންމެ ފަހުން އޮތް އެ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާ އެވެ. އަދި ޖެނެރަލް ސެކްރެޓަރީ އަކީ، މުހައްމަދު ނަސީރު އެވެ.


މީގެ ތިން މަސް ކުރިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުން، މޫސާ ނާޝިދު (މޫސަ) ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެކި މަގާމުތައް ފުރުއްވި، އަދި އެ ޖަމިއްޔާތަކާ ގާތްގުޅުމެއް އޮންނަ، މޫސަ، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ތިން ވަނަ ދައުރުގެ މުއްދަތު މި އަހަރުގެ މާޗް މަހަށް ހަަމަވި އެވެ. އެކަމަކު، މޫސަ އިސްތިއުފާ ދިނީ، ހަތަރު މަސް ވީ ފަހުން ޖުލައި މަސް ތެރޭގަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމުގައި ޒަމާންތަކެއް ވަންދެން ހުރި މައްްސަލަތަކުގެ ވާހަކަތައް ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި ވެސް ފާހަގަކޮށްފަ އެވެ.

މިހާރު އޮތް ހިންގާ ކޮމިޓީގެ 'ނާގާބިލުކަމުގެ" ވާހަަކަތަކަކީ، ބެޑްމިންޓަން ކޮމިއުނިޓީން ކޮންމެ ދުވަހަކު ހެން ދައްކަމުން އަންނަ ވާހަކަތަކެވެ. އެތައް ބަޔެއްގެ ކަންފަށް އަބަދު ވެސް އަޑު އިވޭ، އަދި ގިނަ ބަޔެއްގެ ލޮލަށް ވެސް ފެނިފައިވާ މައްސަލަތަކެއްގެ ވާހަކަތެކެކެވެ.

ރާއްޖެ އަށް ބައިނަލްއަގުވާމީ ލެވަލްގައި ރަން މެޑަލް ވެސް ހޯދައިދީފައިވާ ކުޅިވަރެއް މި ވަގުތު ސޮއްސާލައިފައިވާ ހިސާބަށް ބަލާނަމަ، މި އަހަރުގެ ގައުމީ މުބާރާތެއް ވެސް ނެތެވެ. ކުޅުންތެރިންނަށް އުންމީދެއް ލިބޭނެ ފަދަ ހަރަކާތްތަކެއް ވެސް އެސޯސިއޭޝަންގެ ފަރާތުން ނުހިނގަ އެވެ.

އެކަމަކު، އަދިވެސް އެސޯސިއޭޝަން ހިންގުމުގައި އެ ތިބީ، ކުރިން ވެސް އެ ޒިންމާތައް އެންމެ އެކަށީގެންވާ ގޮތަށް އަދާކޮށްފައިނުވާ ފަރާތްތަކެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލަށް ބެޑްމިންޓަންގެ ކަންކަމާ ގުޅޭގޮތުން، އެންމެ ފަހުން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައިވަނީ، ބީޑަބްލިއުއެފް ކައުންސިލް އިން ރާއްޖޭގެ މި މައްސަލައާ ގުޅޭގޮތުން ކަމެއް ނިންމާނެ ކަމަށް އޮލިމްޕިކް ކޮމިޓީ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"އަދަދު ސްޕޯޓްސް" އަށް ލިބިފައިވާ މައުލޫމާތަށް ބަލާނަމަ މިދިޔަ މަހުގެ ފަހުކޮޅުގައި ބީޑަބްލިއުއެފް ކައުންސިލުން ރާއްޖޭގެ މި ކަންކަމާ ގުޅޭގޮތުން ގޮތެއް ނިންމަން ވާހަކަދެެއްކި އެވެ. އެކަމަކު، އެ ކަމުގެ މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާ އަކުން މީޑިއާ އަށް ލިބިފައިނުވެ އެވެ.

ބެޑްމިންޓަން ކޮމިއުނިޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ބީޑަބްލިއުއެފް އަށް ހަގީގަތް އޮޅުވާލަމުން އައުމެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، އަދިވެސް މަގާމުތަކުގައި ތިބީ ކުރިން ވެސް ގޯސްތައް ހަދަމުން އައި ފަރާތްތައް ކަމަށްވުމެވެ.

ޔަގީނުން ވެސް އެނގޭ ކަމަކީ، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ މި މައްސަލައިގެ ތެރޭގައި ގެއްލިގެން މި ދަނީ މި ކުޅިވަރު ކުރިއަށްދިއުމަށް މުހިންމު ވަގުތުތަކެއް ކަމެވެ. މި މައްސަލަތަކަށް ހައްލެއް ހޯދަން، ބައިނަލްއަގުވާމީ ޖަމިއްޔާގެ ޖަވާބެއްގެ އިންތިޒާރުގައި ދުވަސް ގުނަމުން އަންނައިރު، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކުރަމުން އަންނަ ކުޅުންތެރިން ތިބީ މާޔޫސްވެ، ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ނޭނގޭ ހާލަތުގަ އެވެ.

މި ދިމާވެފައިވާ ކަންތައްތަކަކާއި ރާއްޖޭގެ ބެޑްމިންޓަން ވެއްޓިފައި އޮތް ހާލަތަށް ބަލާއިރު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން، ސަސްޕެންޑް ވެގެން ވިޔަސް، މި ހުރި މައްސަލަތަކަށް ހައްލެއް ލިބެން އެދޭ މީހުން ރާއްޖޭގެ ބެޑްމިންޓަން ކޮމިއުނިޓީ ތެރޭގައި ގިނަ އެވެ.