Advertisement

ތިން ރިސޯޓެއްގެ ކުލި މުއްދަތު 99 އަހަރަށް އިތުރުކޮށްފި

12 އޮކްޓޯބަރު 2024 - 12:26 0

އަމަން ހަލީމް

އަމަން ހަލީމް

ފެސްދޫގައި ތަރައްގީކޮށްފައިވާ ޑަބްލިޔު މޯލްޑިވްސް: ރިސޯޓުތައް ކުއްޔަށް ދޫކުރަނީ 50 އަހަރުގެ މުއްދަތަށް -- ފޮޓޯ: ޖޭޑަބްލިޔު މެރިއޮޓް


ތިން ރިސޯޓެއްގެ ކުލި މުއްދަތު 99 އަހަރަށް އިތުރުކޮށްފި

12 އޮކްޓޯބަރު 2024 - 12:26 0

ޓޫރިޒަމް ގާނޫނަށް މި ފަހުން ގެނައި ބަދަލުގެ ދަށުން ލިބުނު ފުރުސަތުގެ ބޭނުންކޮށް ތިން ރިސޯޓެއްގެ ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރަން ފައިސާ ދައްކާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ ފަހުގެ މަންތުލީ ރެވެނިއު ކަލެކްޝަން ރިޕޯޓުން ދައްކައިފި އެވެ.

މިދިޔަ އޮގަސްޓު 29، ގައި އަމަލުކުރަން ފެށި "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު" ގެ ދަށުން އެކީ އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކައިގެން ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކާއި، ބިންތަކާއި، ފަޅުތައް ދޫކޮށްފައިވާ މުއްދަތު 99 އަހަރަށް އިތުރުކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދިނެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އެ އިދާރަށް 15 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީރާއިން އާންމުކުރާ މައުލޫމާތުގައި ފައިސާ ދައްކާ ވިޔަފާރިތަކުގެ މައުލޫމާތެއް ނުހިމަނަ އެވެ. އެހެންކަމުން "އަދަދު" އިން ވާނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ ތަންތަނުގެ މައުލޫމާތު ހޯދަން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.

ކުރީ ސަރުކާރުގައި ވެސް މިގޮތަށް އެކީ އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކައިގެން ރިސޯޓުތަކުގެ ކުލި މުއްދަތު 99 އަހަރަށް އިތުރުކުރަން ފުރުސަތު ދިނެވެ. އެ ފަހަރު އެ ފުރުސަތު ދިނީ ދެ އަހަރުގެ ތެރޭގައި ފައިސާ ދައްކާ ގޮތަށެވެ. މި ފަހަރު ގާނޫނުގައި އޮތީ ހަ މަހުގެ މުއްދަތު ފަހަނައަޅައިދާ ފަހުން، 10 މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދައްކައިގެން ކުލި މުއްދަތު އިތުރުކުރެވޭ ގޮތަށެވެ.

އޭގެ އިތުރުން ކުލި މުއްދަތު އިތުރުކުރަން ބޭނުންވާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދައްކަން ވެސް ހަ މަސް ދުވަހުގެ މުހުލަތެއް އެ ގާނޫނުގައި ދީފައިވެ އެވެ. އެ މުއްދަތު ފަހަނައަޅައިދާ ފަހުން ކުލި މުއްދަތު އިތުރުކުރާ ކޮންމެ މަހަކަށް ދެ ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ.

ރިސޯޓު ހަދަން ދޫކުރާ ތަންތަނުގެ އެއްބަސްވުމުގައި އެ ތަންތަން ކުއްޔަށް ދެނީ 50 އަހަރަށެވެ.