11 އޮކްޓޯބަރު 2024 - 15:41 0
އަމަން ހަލީމް
ޔޫއެންޑީޕީގެ "ފައިނޭންސިން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ޕޮލިސީ ޑައިލޮގުގެ ތެރެއިން: ފިނޭންސް މިނިސްޓްރީގެ ފަރާތުން ބައިވެރިިވި ސާއިދު (ވ) ވިދާޅުވީ އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކަށް ރުހުން ލިބިފައިވާ ކަމަށް -- ފޮޓޯ: ޔޫއެންޑީޕީ
11 އޮކްޓޯބަރު 2024 - 15:41 0
ސަރުކާރުގެ ހަރަދުތައް ކުޑަކުރާށާއި އާމްދަނީ އިތުރުކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކީ، އަންނަ އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ސާޕްލަސް ވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ނައިބު އަހުމަދު ސާއިދު މުސްތަފާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސަކީ ދަރަނި އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާ ނުލައި، ހަރަދަށް ކަނޑާފައި ލިބޭ އާމްދަނީ އެވެ.
މިގޮތަށް އަންނަ އަހަރުގެ ބަޖެޓު ސާޕްލަސް ވާނެ ކަމަށް ސާއިދު ވިދާޅުވީ، ޔޫއެންޑީޕީއިން އިންތިޒާމުކޮށްގެން ބޭއްވި "ފައިނޭންސިން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ޕޮލިސީ ޑައިލޮގުގައި ފިނޭންސުގެ ފަރާތުން ވާހަކަ ދައްކަވަމުންނެވެ.
މި ޕޮލިސީ ޑައިލޮގުގައި ކުރި މަޝްވަރާގެ ތެރެއިން ހިއްސާކުރި ޗާޓުގައި އޮތް ގޮތުން އަންނަ އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް 300 މިލިއަން ރުފިޔާއިން ސާޕްލަސް ވާނެ ކަމަށް ފިނޭންސުން އަންދާޒާކޮށްފައިވެ އެވެ. އެ ޗާޓާ ހަވާލާ ދެނީ ނަމަ، ސަރުކާރުގެ އަމާޒަކީ 2028 އަންނަން ވާއިރިއަށް ބަޖެޓުގެ އޯވަރޯލް ބެލެންސު، އެއީ ދަރަނި އަދާކުރުމުގެ ހަރަދުތައް ވެސް ހިމަނައިގެން، ސާޕްލަސް ކުރުމެވެ.
ޔޫއެންޑީޕީގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ޕޮލިސީ ޑައިލޮގުގެ ތެރެއިން ހިއްސާކުރި ބަޖެޓު ޗާޓު:ފިނޭންސުން އަންދާޒާކުރަނީ 2028 އަންނަން ވާއިރަށް އޯވަރޯލް ބަޖެޓު 800 މިލިއަން ރުފިޔާ ސާޕްލަސް ވާނެ ކަމަށް -- މަސްދަރު: ފިނޭންސް މިނިސްޓްރީ
ޔޫއެންޑީޕީގެ ޕޮލިސީ ޑައިލޮގުގައި ވާހަކަ ދައްކަވަމުން ސާއިދު ވަނީ އާމްދަނީ އިތުރުކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރައީސް އޮފީހުގެ ރުހުން ލިބިފައިވާ ކަމަށް އިޝާރާތްކުރައްވާފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާނީ ހަރަދާއި އާމްދަނީގެ ރިފޯމްތައް ހިމަނައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާމްދަނީގެ ރިފޯމުތައް
ހަރަދުގެ ރިފޯމްތައް
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި ސާއިދު ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ފެށިގެން ކުރާނެ ކަމަށް ބުނަމުން އަންނަ ޓާގެޓަޑް ސަބްސިިޑީ އާއި އާސަންދަ ހަރަދުތައް ކުޑަކުރުމުން ހަރަދުތައް ކުޑަވާނެ ވާނެ ކަމަށެވެ.
އޭގެ އިތުރުން ޕީއެސްއައިޕީ ހަމައަކަށް އަޅުވަން ކުރާ މަސައްކަތުގެ ދަށުން އިސްކަން ދޭނީ އާމްދަނީ ލިބޭ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކަމަށް ސާއިދު ވިދާޅުވި އެވެ. އަދި މަސްވެރިންނަށް ދޭ ސަބްސިޑީގެ ސިޔާސަތަށް ގެނައި ބަދަލާއި ސަރުކާރުގެ ޑިސްކްރެޝަނަރަނީ ހަރަދުތައް ކުޑަކުރުމުގެ ކަންކަން، ހާއްސަކޮށް އިތުރު މުވައްޒަފުން ނެގުމާ ގުޅޭ ކަންކަން ހަރުކަށިކޮށް، އެ ސިޔާސަތު ވެސް ތަންފީޒުކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަރަދުތައް ކުޑަކުރުމުން ބަޖެޓަށް އަންނާނެ ލުޔާއެކީ، އާމްދަނީ އިތުރުކުރަން ކުރެވޭ މަސައްކަތުން ޖީޑީޕީގެ ހަތަރު ޕަސެންޓާ އެއްވަރަށް އާމްދަނީ އިތުރުކުރެވޭނެ ކަމަށް ވެސް ސާއިދު ފާހަގަކުރެއްވި އެވެ.
ފިނޭންސުން ހުށަހަޅާފައިވާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރެވިއްޖެ ނަމަ، އަންނަ އަހަރުގެ ބަޖެޓު ވެގެން ދާނީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ބަޖެޓު ސާޕްލަސްވީ ފުރަތަމަ ފަހަރަށެވެ. މިހާރު ތަންފީޒުކުރަމުން ދަނީ 16.3 ބިލިއަން ރުފިޔާ ޑެފިސިޓު ބަޖެޓެކެވެ.
Comment