Advertisement

ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު، ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

10 އޮކްޓޯބަރު 2024 - 15:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކަނޑުދަތުރު ކުރާ ފަރާތްތަކާއި އާންމުކޮށް އުދަ އަރާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު، ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

10 އޮކްޓޯބަރު 2024 - 15:33 0

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށާއި އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ފާއިތުވި ދުވަސްތަކުގައި މުޅި ރާއްޖެއަށް ވެސް ވަރަށް ވައިގަދަވިކަން ރެކޯޑުތަކުން އެނގޭ ކަމަށެވެ.

އެގޮތުން އެންމެ ވައިގަދަވި ކަމަށް ރެކޯޑު ކުރެވިފައި ވަނީ މިއަދު ހެނދުނު ހުޅުލެއަށް ކަމަށެވެ. ރޭ ފަތިހު ހުޅުލެއަށް ގަޑިއަކު 58 މޭލު ބާރުމިނުގައި އަދި ހެނދުނު 10:46 ގައި 61 މޭލު ބާރުމިނުގައި ހުޅުލެއަށް ވައި ޖެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އާންމު ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވަރެޖުކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ވައިޖެހި، ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކުގައި އެވަރެޖުކޮށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާ ކޮށްފައިވާއިރު، ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އާންމު ވައި އެވަރެޖުކޮށް އެވަރަށް ހުރި ނަމަވެސް، ވިލާގަނޑުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެ އިދާރާއިން ވަނީ، އާންމުކޮށް އުދަ އަރާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިވެ، ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.