Advertisement

ޔުނައިޓެޑުން ޓެން ހާގާ މެދު ގޮތެއް ނިންމަނީ

10 އޮކްޓޯބަރު 2024 - 14:22 0


ޔުނައިޓެޑުން ޓެން ހާގާ މެދު ގޮތެއް ނިންމަނީ

10 އޮކްޓޯބަރު 2024 - 14:22 0

މެންޗެސްޓާ (އޮކްޓޫބަރު 10) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާ މެދު ގޮތެއް ނިންމަން އެ ކްލަބްގެ ބޯޑް މެމްބަރުންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުން މަހަކު އެއް ފަހަރު ބާއްވާ ބޯޑް މެމްބަރުންގެ ބައްދަލުވުން، މިދިޔަ އަންގާރަ ދުވަހު، ސެންޓްރަލް ލަންޑަންގައި ކުރިއަށްދިޔައިރު، އެ ބައްދަލުވުން ހަ ގަޑިއިރަށް ދިގުދެމިގެންދިޔަ އެވެ. އަދި އޭގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ކުރިއަށްދާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެެވެނީ ޓެން ހާގްގެ މުސްތަގުބަލާ ގުޅޭގޮތުންނެވެ. މި ސީޒަން ފެއްޓުމުގެ ކުރިން، ޔުނައިޓެޑުން ވަނީ ޓެން ހާގްގެ ރިވިއު އެއް ހިންގައި އޭނާއާ އެކު ކުރިއަށްދާން ނިންމައިފަ އެވެ. މި ނިންމުމާ އެކު، ޔުނައިޓެޑާ އެކު، ޓެން ހާގް ހަދާފައި އޮތް އެއްބަސްވުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކުރަން ލިބިފައި އޮތް ފުރުސަތުގެ ބޭނުންވަނީ ހިފައިފަ އެވެ.

މި ސީޒަން ފަށައިގެން، މިހާތަނަށް ޔުނައިޓެޑަށް އެކަށީގެންވާ ވަރުގެ ނަތީޖާތަކެއް ނެރެވިފައިނުވާއިރު، އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 14 ވަނައިގަ އެވެ. ޔޫރޮޕާ ލީގުގެ 21 ވަނައިގަ އެވެ.

އަޔަކްސް ދޫކޮށް، 2022 ވަނަ އަހަރު ޔުނައިޓެޑަށް ޓެން ހާގް ބަދަލުވި ފަހުން، އެ ކްލަބުން ވަނީ 700 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އާ ކުޅުންތެރިންނަށް ހޭދަކޮށްފަ އެވެ. އެ ޓީމުން ވަނީ، ދެ ސީޒަނުގައި ލީގު ކަޕާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

މުސްތަގުބަލާ ބެހޭގޮތުން، ޓެން ހާގާ ސުވާލު އަމާޒުވާއިރު، އޭނާގެ ޖަވާބަކީ، ކެތްތެރިވެގެން ކަންކަމާ ކުރިމަތިލައި ހާލަތު ބަދަލުކުރުން މުހިންމު ކަމަށެވެ.

ޔުނައިޓެޑްގެ ރާޑަރުގައި އިންޒާގީ އާއި ޓުޗެލް

އިނގިރޭސިވިލާތުގެ މަހުޖަނެއް ކަމަށްވާ ރެޓްކްލިފްގެ އިނިއޯސް ކުންފުނިން ވަނީ މިދިޔަ އަހަރު ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަނެފަ އެވެ. އަދި، މިހާރު ޔުނައިޓެޑްގެ ފުޓްބޯލް އޮޕަރޭޝަންސްތައް ކުރިއަށް ދަނީ އޭނާގެ ބެލުމުގެ ދަށުންނެވެ.

ޓެން ހާގްގެ މުސްތަގުބަލާ ބެހޭގޮތުން، ރެޓްކްލިފާ ސުވާލުކުރުމުން ދާދި ފަހުން އޭނާ ބުނީ، ކޮންމެ ކަމެއްގައި ވެސް ނިންމުން އަންނާނީ މުޅި ބޯޑުގެ މަޝްވަރާގެ މަތިން ކަމަށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިންޓަނޭޝަނަލް ބްރޭކަށް ފަހު، މި މަހު 19 ވަނަ ދުވަހު، އަލުން ޕްރިމިއާ ލީގު ފަށާއިރު، ޓެން ހާގް މަގާމުގައި ދެމިހުންނާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. އެހެންނަމަވެސް، ޓެން ހާގް ވަކިކުރާއިރު، ކޮންޓްރެކްޓްގެ ބާކީ ބަޔާއި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، 20 މިލިއަން ޑޮލަރު ޔުނައިޓެޑުން ދައްކަން ޖެހޭނެ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ސީޒަން ފެށުމުގެ ކުރިން، ޓެން ހާގް ވަކިކުރަން ޔުނައިޓެޑުން މަޝްވަރާކުރިއިރު، އެ ޓީމަށް ގެންނަން ވާހަކަ ދެއްކި އެއް ކޯޗަކީ ޗެލްސީ އާއި ޕީއެސްޖީ އަދި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އެވެ. މި ވަގުތު އޭނާ ހުރީ އެއްވެސް ކްލަބެއްގެ ވަޒީފާގައެއް ނޫނެވެ.

ޔުނައިޓެޑުން ދެން ވާހަކަ ދައްކަމުން އަންނަ ކޯޗަކީ، އިންޓަ މިލާނުގެ ސިމޯން އިންޒާގީ އެވެ. އެކަމަކު، އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޒާގީ ވަނީ ޔުނައިޓެޑްގެ ޕްރޮޕޯސަލަށް މި ވަގުތު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.