Advertisement

އިންޑިއާ ސަރުކާރުގެ ބޭސް އައުޓްލެޓުތައް ރާއްޖޭގައި ހުޅުވަނީ

8 އޮކްޓޯބަރު 2024 - 21:15 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓުމެންޓުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


އިންޑިއާ ސަރުކާރުގެ ބޭސް އައުޓްލެޓުތައް ރާއްޖޭގައި ހުޅުވަނީ

8 އޮކްޓޯބަރު 2024 - 21:15 0

އިންޑިއާގެ ފާމަކޯޕިއާ (އިންޑިއާގައި އުފައްދާ ބޭސްތަކުގެ ހުރިހާ މައުލޫމާތެއް) ބަލައިގަންނަން ނިންމައި އެ ގައުމުގެ ސަރުކާރުން ހިންގާ ޖަނޯޝާދީ ކެންޑްރާސް (ބޭސް އައުޓްލެޓުތައް) ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމު ކުރުމަށް ރާއްޖޭން އެއްބަސްވެއްޖެ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން އެ އައުޓްލެޓުތައް ރާއްޖޭގައި ގާއިމު ކުރަނީ ހެޔޮ އަގުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ބޭސް ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރުން އަދި އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ޖަނޯޝާދީ ކެންޑްރާސް އަކީ، ކޮލިޓީ ބޭސް އަގުހެޔޮކޮށް އެންމެންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އިންޑިއާގެ ކެމިކަލް އެންޑް ފާޓިލައިޒާސް މިނިސްޓަރީގެ ފާމަސޫޓިކަލްސް ޑިޕާޓުމެންޓުން 2008 ވަނަ އަހަރު ތައާރަފު ކުރި ޕްރަދާން މަންތްރީ ބާރަތިޔާ ޖަނޯޝާދީ ޕަރިޔޯޖާނާ (ޕީއެމްބީޖޭޕީ) ސްކީމުގެ ދަށުން ބޭސް ވިއްކާ ފިހާރަތަކެވެ.

މިހައިތަނަށް އިންޑިއާގެ އެކި ކަންކޮޅުގައި 13،822 ޖަނޯޝާދީ ކެންޑްރާސް އައުޓްލެޓު ހިންގަމުންދެ އެވެ. މިދިޔަ މަހު އެކަނި ވެސް އިންޑިއާގައި ހިންގާ ޖަނޯޝާދީ އައުޓްލެޓުތަކުން ދެ ބިލިއަން ރުޕީސްގެ ފައިދާ ލިބުނު ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

މިދިޔަ ޖުލައި މަހު މޮރިޝަސްގައި ވަނީ އިންޑިއާއިން ބޭރުގައި ހުޅުވި ފުރަތަމަ ޖަނޯޝާދީ ކެންޑްރާ އައުޓްލެޓު ހުޅުވައިފަ އެވެ. އެހެންކަމުން ރާއްޖެ ވެގެންދާނީ އިންޑިއާ ސަރުކާރުގެ ބޭސް ފިހާރަތައް ހުޅުވާ ދެވަނަ ގައުމަށެވެ.