Advertisement

ޝާދިޔާ ޖަލުގައި ބަންދުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

8 އޮކްޓޯބަރު 2024 - 12:51 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޝާދިޔާ އަދި އޭނާގެ ވަކީލު ޝަރީއަތުގެ މަޖިލީހުގައި --


ޝާދިޔާ ޖަލުގައި ބަންދުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

8 އޮކްޓޯބަރު 2024 - 12:51 0

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުން ހުއްޓުވަން ގޮވާލައި ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އަޑުއުފުލަމުން ދަނިކޮށް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އައިޝަތު ޝާދިޔާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ ޝާދިޔާގެ ފަރާތުންނެވެ.

މިއަދު ހައި ކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ނ. އާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންވެ, ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ބެންޗުގެ އިސް ފަނޑިޔާރު ހުޒައިފާ މުހައްމަދު, ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ. މި އަމުރު ނެރުނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކްރިމިނަލް ކޯޓުން އެ އަމުރު ނެރުނު އިރު މުޖުތަމައުގެ ސަލާމަތަށް ޝާދިޔާ ނުރައްކާވާ ގޮތެއް ސާފު ނޫން ކަމަށް ވެސް ހައި ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރަށް ފަހު ދެ ފަހަރެއްގެ މަތިން ތިން ދުވަހަށާއި ފަސް ދުވަހަށް އޭނާ ބަންދުކުރި އެވެ. ޝާދިޔާ އާއެކު ޑރ. ޝަޒްރާ އިބްރާހިމް ވެސް ބަންދުކުރި އެވެ. އޯގަސްޓު 28، ގައި ހައްޔަރުކުރި އެ ދެ މީހުން މިއަދު ދޫކޮށްލީ ބަންދުކުރިތާ ނުވަ ދުވަސް ފަހުންނެވެ.