Advertisement

މާދަމާ ރޭގެ ކުރިން ހަވާލު ނުކޮށްފި ނަމަ ގާނޫނީ ބާރުގެ ބޭނުންކޮށް ބައްސާމްގެ އެޕާޓުމެންޓުތައް ފުލުހުން ނަގަނީ

7 އޮކްޓޯބަރު 2024 - 20:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަލީ ޖަލީލް -- ފޮޓޯ: އަދަދު


މާދަމާ ރޭގެ ކުރިން ހަވާލު ނުކޮށްފި ނަމަ ގާނޫނީ ބާރުގެ ބޭނުންކޮށް ބައްސާމްގެ އެޕާޓުމެންޓުތައް ފުލުހުން ނަގަނީ

7 އޮކްޓޯބަރު 2024 - 20:01 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ހިންގަމުންދާ ކޮރަޕްޝަނުގެ ތަހުގީގުތަކުގެ ތެރެއިން އަމީން އެވެނިއުއިން އޭނާ ގަނެފައިވާ ދެ އެޕާޓްމަންޓު މާދަމާ ރޭ 12:00 ގެ ކުރިން ފުލުހުންނާ ހަވާލު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެ އެޕާޓުމެންޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފުލުހުން ދާދި ދެންމެއަކު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެޕާޓުމެންޓުތަކަށް ހުސްކޮށް ހަވާލުވުމަށް ވާންޖެހޭ ތައްޔާރީ މިހާރު ވެސް ވަމުންދާ ކަމަށެވެ.

"2024 އޮކްޓޫބަރު 08 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެޕާޓުމެންޓު ހަވާލު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓުމެންޓު މި ހިދުމަތުގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުމުންގެންދާ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ލޮޓް ނަންބަރު N2-25 ގެ ބްލޮކް A ގެ ނަންބަރު A1205 އާއި A1206 އެޕާޓުމެންޓު މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން ފުލުހުންނާ ހަވާލު ކުރަން ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ސެޕްޓެމްބަރު 28 ވަނަ ދުވަހު އަމުރެއް ނެރުނު ކަމަށެވެ.

ނަމަވެސް ހަވާލު ކުރަން އެންގި މުއްދަތު ފަސް ކޮށްދިނުމަށް ބައްސާމްގެ ފަރާތުން ސެޕްޓެމްބަރު 29، ގައި ފުލުހުންގެ ކިބައިން އެދުމުން އެޕާޓުމެންޓުތައް ހަވާލު ކުރުމުގެ މުއްދަތު ރޭގެ 12:00 އާ ހަމައަށް އިތުރު ކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.

އެހެނަސް، އެ މުއްދަތު ވެސް އިތުރު ކޮށްދޭން ބައްސާމްގެ ފަރާތުން މިދިޔަ ހުކުރު ދުވަހު އެދުނު ކަމަށް ފުލުހުން ބުންޏެވެ. އެގޮތަށް އެދުމުން މުއްދަތު އިތުރު ކުރުމާ މެދު ގޮތެއް ނިންމުމަށް އެކަން ދިރާސާ ކުރުމަށްފަހު މުއްދަތު އިތުރު ކޮށް ނުދޭން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބައްސާމުގެ ފުލެޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނިންމީ، އެ ފުލެޓުތައް ބައްސާމް ގަނެފައިވަނީ އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ އިން ކަމަށް ބުނެ އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ފަހު އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ، އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، އެފްއޭއެމްގެ އޭރުގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު އަދި ފަހުން ކްލަބް ވެލެންސިއާގެ ޗެއާމަން ކަމަށް ނުފޫޒު ފޯރުވައިގެން އައި، ހަސަން ވަހީދު (ދޮނާ) ގެ މައްޗަށެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ބައްސާމް ވަނީ، ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ.

ފުލުހުން ތުހުމަތު ކުރަނީ ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ހަރަދު ކުރި ކަމަށެވެ.

ބައްސާމްގެ މައްޗަށް، މި އަހަރުގެ ފެބްރުއަރީ މަހު، ޕީޖީ އޮފީހުން އުފުލީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.