Advertisement

މެރިން ޕޮލިސްގެ ވެރިޔާ އަދުނާން އަނީސް ރިޓަޔާކުރައްވައިފި

މެރިން ޕޮލިސްގެ ވެރިޔާ އިބްރާހިމް އަދްނާން އަނީސް ރިޓަޔާ ކުރެއްވުމުން ބޭއްވި ހަފުލާ ---- ފޮޓޯ: ފޭސްބުކް


މެރިން ޕޮލިސްގެ ވެރިޔާ އަދުނާން އަނީސް ރިޓަޔާކުރައްވައިފި

މެރިން ޕޮލިސްގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް 36 އަހަރަށްފަހު ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރައްވައިފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ރަސްމީ ބަހެއް ނުބުނި ނަމަވެސް އަދުނާން ވަނީ ރިޓަޔާކުރެއްވި ކަމަށް ވިދާޅުވެ މި މަހު 12 ގައި ފޭސްބުކުގައި ޕޯސްޓެއް ކުރައްވާފަ އެވެ.

އެ ޕޯސްޓުގައި އަދުނާން ވަނީ އޭނާ ވަޒީފާ އަދާކުރެއްވި 36 އަހަރާއި 11 މަހާއި 21 ދުވަހު އެންމެ ބޮޑު ހިދުމަތެއް ކުރެއްވީ މެރިން ޕޮލިސްގެ ހިދުމަތް ހަރުދަނާކޮށް ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ކަމަށެވެ.

"ކާމިޔާބުކުރަން ބޭނުންވާ ގިނަ ލަނޑުދަނޑިތަކެއް އަދިވެސް ހުރިޔަސް ބަރު ހިތަކާއެކު ފުލުހުންގެ ހިދުމަތުން އަޅުގަނޑު ރިޓަޔާކުރަން މި ނިންމީ ކުރިއަށް އަންނަން އޮތް ޖީލުތަކަށް އިތުބާރުކޮށް އަޅުގަނޑުމެން އެޅި ބިންގަލުގެ މަތީ ހަރުދަނާ ހިދުމަތެއް ގާއިމުކުރެއްވޭނެ ކަމުގައި،" އަދުނާން ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ.

އަދުނާން ވަނީ މީގެކުރިން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ. ނަމަވެސް ކޯޓުގެ ނިންމުމަކާއެކު އަލުން އަނބުރާ އޭނާއަށް ވަޒީފާ ދިނީ އެވެ.

އޭނާއަކީ، 2012 ވަނަ އަހަރު ތުހުމަތުތަކެއްކޮށް ފުލުހުންގެ މަގާމުން ވަކިކުރި ބޭފުޅެކެވެ. އެގޮތުން އޭނާއަށް ކޮށްފައިވަނީ "ފުލުހުންނާއި ސިފައިން ހިންގި ބަގާވާތު"ގެ ނަމުގައި އެމްޑީޕީން ނެރުނު ރިޕޯޓެއްގައި އެކުލަވާލުމުގައި ބައިވެރިކަމުގެ ތުހުމަތެވެ.

އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ، ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

އެ މައްސަލާގައި އަދުނާން އަނީސް، ސުޕްރީމް ކޯޓަށް ދިޔުމުން އޭނާއަށް ކާމިޔާބުވި އެވެ. ސަރުކާރު ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދައުލަތުން ވެސް ވަނީ އަދުނާން ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގައި އެއްބަސްވެފަ އެވެ.