Advertisement

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ މުހިންމު އިގްތިސާދީ އަދި މެރިޓައިމް ސެކިއުރިޓީ އެއްބަސްވުމަކަށް ދެގައުމުން ގޮސްފި

ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން: ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާ މުހިންމު ކަމަށް -- ފޮޓޯ: އިންޑިއާ އެކްސްޓާނަލް އެފެއާޒް


އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ މުހިންމު އިގްތިސާދީ އަދި މެރިޓައިމް ސެކިއުރިޓީ އެއްބަސްވުމަކަށް ދެގައުމުން ގޮސްފި

އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތް ތަނުގައި ބައްޓަން ކުރާނެ ގޮތުގެ މުހިންމު އިގްތިސާދީ އަދި މެރިޓައިމް ކަރުދާހަކަށް މިއަދު ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

މިއަދު އެއްބަސްވީ "އަ ވިޝަން ފޯ ކޮމްޕްރެހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" އަށެވެ. އޭގެ ތެރޭގައި މުހިންމު ހަ ދާއިރާއެއް ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެ އެވެ.

"އޭގެ ތެރޭގައި ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި ވިޔަފާރި އަދި އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމާއި ޑިޖިޓަލް އާދީ މާލީ އިނިޝިއޭޓިވްސްތަކާއި އެނާޖީ ޕްރިޖެކްޓްސްތަކާއި ހެލްތުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި މެރިޓައިމް އަދި ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހި ކުރުން ހިމެނޭ،" އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ، އިންޑިއާގެ ކަނޑުގެ ސަލާމަތަށް ރާއްޖޭގެ ހަމަޖެހުން ވެސް މުހިންމު ކަމަށާއި ހަމަ އެގޮތަށް އިންޑިއާއަކީ ވެސް އެ ކަނޑުގެ ސަލާމަތަށް މުހިންމު ގައުމެއް ކަމަށެވެ.

އިންޑިއާއާއެކު އިތުރަށް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، އެ މަސައްކަތުގެ ތެރޭގައި ދެ ގައުމުގެ ވެރިން އެއް ގައުމު އަނެއް ގައުމަށް ޒިޔާރަތް ކުރުން ވެސް ހިމެނޭ ކަމަށެވެ.

ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެއިން ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އިންޑިއާއިން އޮންނަނީ އެހީތެރިވާން ތައްޔާރަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފަތުރުވެރިކަމަކީ ރާއްޖެއަށް މުހިންމު ސިނާއަތެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވާނެ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ ސަބަބުން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.