Advertisement

މޯދީ ވިދާޅުވީ ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެ-އިންޑިއާ އެއްބާރުލުން އިތުރުކުރާނެ ކަމަށް

ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ސަލާމްކުރައްވަނީ.


މޯދީ ވިދާޅުވީ ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެ-އިންޑިއާ އެއްބާރުލުން އިތުރުކުރާނެ ކަމަށް

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް، ރާއްޖެއާ އިންޑިއާ ގުޅިގެން މަސައްކަތްކުރާނެ ކަމަށާއި ހައިޑްރޮގްރަފީގެ ދާއިރާއިން ދެގައުމުގެ ދެމެދު އެެއްބާރުލުން އިތުރުކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީ ވިދާޅުވީ ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ދޭ އެއްބާރުލުން އިތުރުކުރާނެ ކަމަށާ ދިފާއީ ގޮތުން ތަފާތު ގިނަ ދާއިރާތަކުން ރައީސް މުއިއްޒާ އެކު މަޝްވަރާތައް ކުރައްވާފައިވާނެ ކަމަށެވެ.

"އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ކުރިއެރުމަށް ޓަކައި އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރާނަން ހައިޑްރޮގްރަފީއާއި ޑިޒާސްޓާ ރެސްޕޮންސްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރާނަން،" މޯދީ ވިދާޅުވި އެވެ.

މޯދީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ނިންމާފައި ވަނިކޮށެެވެ.

ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމި މައިގަނޑު މަގުސަދަކީ ދިވެހި ކަނޑުފަޅުގެ މައުލޫމާތަކީ "ހަމައެކަނި ދިވެހިންނަށް" އެނގޭ މައުލޫމާތަށް ހެދުން ކަމަށް ސަރުކާރުން އޭރު ބުންޏެވެ.

އެމްއެންޑީއެފުން ނޮވެމްބަރު، 2021، ގައި ހިއްސާކުރި މައުލޫމާތައް ބަލާއިރު، ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން، އެ ސާވޭ ކުރުމަށް އެހީވެދީގެން، އެއްކުރެވޭ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ހަދާ ޗާޓުތައް ބޭރުގެ ފަރާތްތަކުގެ ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބެ އެވެ.

ހައިޑްރޮގްރަފީ ދާއިރާއިން އެއްބާރުލުން އިތުރުކުރާނެ ކަމަށް މޯދީ ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ. ހައިޑްރޮގްރަފީ އެއްބަސްވުން އާކުރާނެކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.