Advertisement

އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތުމަށް ރައީސް މުއިއްޒު މޯދީއަށް ދައުވަތު ދީފި

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު: އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ރައީސް ވަނީ މޯދީއަށް ދައުވަތު ދީފަ --- ފޮޓޯ: އިންޑިއާ އެކްސްޓާނަލް އެފެއާޒް


އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތުމަށް ރައީސް މުއިއްޒު މޯދީއަށް ދައުވަތު ދީފި

އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިއަދު ދައުވަތު ދެއްވައިފި އެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ މިހާރު އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން އެކުގައި ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގަ އެވެ.

"ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށް އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް އަޅުގަނޑު ވާނީ ދައުވަތު ދީފަ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދެ ފަރާތަށް ވެސް ފައިދާހުރި ކުރިމަގެއް ބިނާވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ރައީސްގެ ދައުވަތު ގަބޫލުކުރައްވައިފިނަމަ އަންނަ އަހަރުގެ ދަތުރު ވެގެންދާނީ ބޮޑުވަޒީރުކަމުގައި ރައީސް މޯދީ ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތަށް އަދި 2022 ގައި ފުރަމާނަ ދަތުރެއްގައި ވެސް މޯދީ މާލެ ވަޑައިގެންނެވި އެވެ.

މިދިޔަ ނޮވެމްބަރުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އެނބުރި މާލެ ވަޑައިގެން އިންޑިއާއަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އޭގެ އިތުރުން, ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވި އެވެ.

ނަމަވެސް, މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވިފަހުން ދެ ގައުމުގެ ގުޅުން ދަނީ ރަނގަޅުވަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ކާރިސާއިން އަރައިގަތުމަށް ރައީސްގެ މިދަތުރުގެ ތެރެއިން އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.