Advertisement

އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާގެ ދައުރު މުހިންމު: ރައީސް މުއިއްޒު


އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާގެ ދައުރު މުހިންމު: ރައީސް މުއިއްޒު

އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާއަކީ މުހިންމު ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ، އިންޑިއާގެ ކަނޑުގެ ސަލާމަތަށް ރާއްޖޭގެ ހަމަޖެހުން ވެސް މުހިންމު ކަމަށާއި ހަމަ އެގޮތަށް އިންޑިއާއަކީ ވެސް އެ ކަނޑުގެ ސަލާމަތަށް މުހިންމު ގައުމެއް ކަމަށެވެ.

އޭގެ އިތުރުން ދެ ގައުމުން "ވިޝަން ޑޮކިއުމެންޓް" އަކަށް އެއްބަސްވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމާއި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހި ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި ވިޔަފާރި އަދި އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމާއި ޑިޖިޓަލް އާދީ މާލީ އިނިޝިއޭޓިވްސްތަކާއި އެނާޖީ ޕްރިޖެކްޓްސްތަކާއި ހެލްތުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި މެރިޓައިމް އަދި ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހި ކުރުން ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާއާއެކު އިތުރަށް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، އެ މަސައްކަތުގެ ތެރޭގައި ދެ ގައުމުގެ ވެރިން އެއް ގައުމު އަނެއް ގައުމަށް ޒިޔާރަތް ކުރުން ވެސް ހިމެނޭ ކަމަށެވެ.

ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެއިން ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އިންޑިއާއިން އޮންނަނީ އެހީތެރިވާން ތައްޔާރަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފަތުރުވެރިކަމަކީ ރާއްޖެއަށް މުހިންމު ސިނާއަތެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވާނެ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ ސަބަބުން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.