Advertisement

ރައީސް މުއިއްޒު މޯދީ އާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވައިފި

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ: މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައްވެސް ކުރިއަށް ގެންދިޔަ --- ފޮޓޯ: އިންޑިއާ އެކްސްޓާނަލް އެފެއާޒް


ރައީސް މުއިއްޒު މޯދީ އާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އާއި މޯދީގެ ބައްދަލުވުންތައް ރައީސް އޮފީހުން އަދި ރަސްމީ ބަހެއް ނުބުނި ނަމަވެސް އިންޑިއާގެ އޮފިޝަލުންނާއި މީޑިއާތަކުން ވަނީ އެކަން ރިޕޯޓުކޮށްފަ އެވެ. މި ބައްދަލުވުން ބޭއްވީ މޯދީގެ ރަސްމީ ގެކޮޅު ހައިދްރައާބާދު ހައުސް ގަ އެވެ.

ދެ ގައުމުގެ ވެރިންގެ އިތުން އިސް އޮފިޝަލުންވެސް މި ބައްދަލުވުމުގައި ބައިވެރިވެ، ރާއްޖެ-އިންޑިއާ އާ ދެމެދު ރަސްމީ މަޝްވަރާތަކެއްވެސް ވަނީ ކޮށްފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވި އިންޑިއާގެ އިސް އޮފިޝަލުންގެ ތެރޭގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އަދި ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހު ހިމެނެ އެވެ. ރާއްޖޭގެ ގިނަ ވަޒީރުންވެސް ބައްދަލުވުމުގައި ބައިވެރިވި އެވެ.

ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ގިނަ ވަޒީރުން ހިމެނޭހެން 50 މީހުން އެކުލެވޭ ބޮޑު ވަފުދަކާއެކު އެވެ. މިއަދު މޯދީ އަދި ރައީސް ބާއްވާ ބައްދަލުވުމަށްފަހު ދެ ގައުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއްބަސްވުންތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް މަޝްވަރާތަކާއި އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައީސް އަދި މޯދީ އެކުގައި ޕްރެސް ސްޓޭޓްމަންޓެއް ވެސް ދެއްވާނެ އެވެ.

އިންޑިއާއަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހެވެ. އިންޑިއާ އަށް ރައީސް މި ކުރައްވާ ދަތުރަކީ އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.