Advertisement

މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގައި ބޮޑެތި މައްސަލަތަކެއް، ޖެނެރަލް މެނޭޖަރު ވަކިކޮށްފި

7 އޮކްޓޯބަރު 2024 - 10:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސްޓީވް އެންޖީ


މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގައި ބޮޑެތި މައްސަލަތަކެއް، ޖެނެރަލް މެނޭޖަރު ވަކިކޮށްފި

7 އޮކްޓޯބަރު 2024 - 10:22 0

ރާއްޖޭގައި އިންފްލައިޓު ކޭޓަރިންގެ ހިދުމަތް ދޭން 1988 ގައި އުފެއްދި މޯލްޑިވްސް އިންފްލައިޓު ކޭޓަރިން ޕްރައިވެޓު ލިމިޓެޑް (އެމްއައިސީ) ހިންގަން އިސްކޮށް ހުރި ޖެނެރަލް މެނޭޖަރު، ކޮކް ތެންގް އެންޖީ (ސްޓީވް އެންޖީ)، އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް ތަކެތި ގަނެ، ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފަޅާއެރުމުން، މަގާމުން ވަކިކޮށްފި އެވެ.

އެމްއައިސީ އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ 65 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ 35 ޕަސެންޓު ހިއްސާ އޮންނަނީ ސިންގަޕޫރު އެއާޕޯޓު ޓާމިނަލް ސާވިސަސް (ސެޓްސް) ލިމިޓެޑަށެވެ.

ސްޓީވް އެންޖީ މަގާމުން ވަކިކުރީ އެމްއައިސީގެ މެޖޯރިޓީ ހިއްސާދާރުގެ ހައިސިއްޔަތުން، އެމްއޭސީއެލްއިން ހިންގި އިދާރީ ތަހުގީގަކުން، ކުންފުންޏަށް ގެއްލުންވާ ގޮތަށް އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައިވާ ހާމަވުމުން ކަމަށް، އަދަދު ނޫހަށް މައުލޫމާތު ދިން، އެ މައުލޫމާތު ރަނގަޅަށް އެނގޭ މީހަކު ބުންޏެވެ.

ވަޒީފާގެ އެއްބަސްވުމާއި އެޗްއާރު ޕޮލިސީ، ޒީރޯ ޓޮލަރެންސް ޕޮލިސީ، އެމްޕްލޯއީ ހޭންޑުބުކްއާ ހިލާފަށް، އަދި އެހެން އުސޫލުތަކުގެ ބޭރުން ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރުމާއި ކުންފުންޏަށް ތަކެތި ގަތުމުގައި ސްޓީވް އެންޖީ އަމަލުކޮށްފައިވާ ގޮތުން ލިބިފައިވާ ގެއްލުން އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް އަދަދު ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެއީ ކިހާ މިންވަރެއްގެ ގެއްލުމެއްކަމެއް އަދި އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް އެމްއޭސީއެލް އިން އަދި ހާމައެއް ނުކުރެ އެވެ.

"އެ ކަންކަމުން ކުންފުންޏަށް އިންތިހާ ބޮޑު ގެއްލުމެއް ލިބިފައިވާނެ ކަމަށް ބެލެވޭ. ރަނގަޅަށް މައްސަލަ ބަލައިފި ނަމަ މިއީ މާސިންގާ ހިޔާނާތަކަށް ވެގެންދާނެ،" އަދަދު ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެ މައްސަލަތައް ފެންމަތިވުމުން އެމްއައިސީގެ ޕޮލިސީތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ސްޓީވް އެންޖީއަކީ ހޮސްޕިޓިލިޓީ ދާއިރާ އާއި ފުޑް އެންޑް ބެވަރޭޖު ދާއިރާގައި 30 އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. ރާއްޖޭގެ އިތުރުން ސިންގަޕޫރު، މެލޭޝިއާ، ތައިލެންޑް، ވިއެޓްނާމް، އިންޑޮނޭޝިއާ، ސްރީލަންކާ، އަދި ފިލިޕީންސްގައި އޭނާ މަސައްކަތްކޮށްފައިވެ އެވެ.