Advertisement

ރައީސްގެ ދަތުރުގެ ތެރެއިން އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

ރައީސް މުއިއްޒުގެ ދެ ކަނބަލުން އިންޑިއާގައި: މި ދަތުރުގެ ތެރެއިން އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފަ --- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ދަތުރުގެ ތެރެއިން އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން ދިވެހި ސަރުކާރުން އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަން އެނގިއްޖެ އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުން ރާއްޖެއާ އިންޑިއާއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެ ގައުމުގެ ގަޑިން 12:30 ގަ އެވެ. މިއީ ކޮން ދާއިރާތަކަކުން ވެވޭ އެއްބަސްވުންތަކެއްކަމެއް އަދި ސޮއިކުރެވޭ އެއްބަސްވުންތަކުގެ އަދަދެއް ވެސް ސަރުކާރަކުން ހާމައެއް ނުކުރެ އެވެ.

އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވަނީ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމަށްފަހު އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވޭނެ ކަމަށް ބެލެވެ އެވެ. މަޝްވަރާތަކާއި އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައީސް އަދި މޯދީ އެކުގައި ޕްރެސް ސްޓޭޓްމަންޓެއް ވެސް ދެއްވާނެ އެވެ.

މާދަމާ ރައީސްގެ ދަތުރުގެ ޝެޑިއުލުގައި ދެން ހިމެނެނީ އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރް އަދި އެ ގައުމުގެ ނައިބު ރައީސް އާ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުންތައް މެންދުރުފަހަށް ޝެޑިއުލްކޮށްފައިވާއިރު ހެދުނު އޮންނާނީ ރައީސް އަށް ރަސްމީކޮށް މަރުހަބާ ކިޔުމުގެ ހަފުލާ އެވެ.

ރައީސް އިންޑިއާއަށް ވަޑައިގެންނެވީ ގިނަ ވަޒީރުން ހިމެނޭހެން 50 މީހުންގެ ބޮޑު ވަފުދަކާއެކު އެވެ. އެމަނިކުފާނު އިންޑިއާގެ މުމްބާއީ އަދި ބެންގަލޫރަށް ވަޑައިގަތުމަށްފަހު، ދަތުރު ނިންމާލައްވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

މި ސަރުކާރުން ވަނީ އިންޑިއާއާ ވާދަވެރި ޗައިނާއާއެކު ވެސް 20 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިހާތަނަށް ތަފުސީލުތައް ހާމަކޮށްފައިނުވާ އެ އެއްބަސްވުންތަކުގައި ސޮއިކުރީ ޖެނުއަރީ މަހު ރައީސް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ. އެ ދަތުރަށްފަހު މާލެ ވަޑައިގެން ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ނުސީދާ ބަހުގެ ހަމަލާތަކެއް ވެސް ރައްދުކުރައްވައިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ ދެކޮޅު ގިނަ ވައުދުތަކަކާއެކު އެވެ. އޭގެ ތެރޭގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ ގައުމާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށް އާންމުކުރުން ހިމެނެ އެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް އެއްބަސްވުމެއް ހާމަކޮށްފައެއް ނުވެ އެވެ.

ވެރިކަމުގެ ކުރީކޮޅު އެ ގައުމާއެކު ޖެހުނު މައްސަލަތައް ހައްލު ކުރަން، ދިވެހި ބޮޑު ވަފުދަކާއެކު ރައީސް އިންޑިއާއަށް މި ވަޑައިގަންނަވަނީ ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސްގެ ދަތުރުގައި އިންޑިއާއިން މާލީ ގޮތުން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބްލޫމްބާގް ނޫހުން މީގެ ކުރިން ބުނެފައިވެ އެވެ.