Advertisement

އެއްލައިދޫ ކައްކާގެ މަރު: މުހިންމު ހެކިންތަކެއްގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދަނީ

6 އޮކްޓޯބަރު 2024 - 12:56 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އެއްލައިދޫ ރިސޯޓު މަރާލުމުގެ ދައުވާ އުފުލާފައިވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ: މިކަމެއް ހިނގީ ބިސްގަނޑެއް އަޅައި ނުދީގެން ކަމަށް ދައުލަތުން ބުނެފައިވޭ -- ފޮޓޯ: ކްރިމިނަލް ކޯޓު


އެއްލައިދޫ ކައްކާގެ މަރު: މުހިންމު ހެކިންތަކެއްގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދަނީ

6 އޮކްޓޯބަރު 2024 - 12:56 0

މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން، ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިންތަކެއްގެ ހެކިބަސް ނުނަގާ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކުރަނީ ރިސޯޓުގައި މަސައްކަތް ކުރި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42، ގެ މައްޗަށެވެ. އެ މާރާމާރީގައި މަރުވީ ހަމަ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24، އެވެ. މި ހާދިސާ ހިނގީ މީގެ ތިން އަހަރު ކުރިން ޖެނުއަރީ 10، 2019 ގަ އެވެ.

ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިންތަކެއްގެ ހެކިބަސް ނުނެގުމަށް ޝަރީއަތުން ނިންމީ އެ މީހުން މިހާރު ރާއްޖެ ދޫކޮށް ލަންކާއަށް އެނބުރި ގޮއްސައިވާތީ އާ އެ މީހުން ލަންކާގައި ތިބިކަމާއި ތިބިނަމަ ދިރިއުޅޭ އެޑްރެސް ނޭނގޭތީ އެވެ. މީގެ ތެރޭގައި ހިމެނެނީ އެއްލައިދޫ ރިސޯޓުގައި މަސައްކަތް ކުރި ލަންކާގެ ހަ މީހެކެވެ.

މި މީހުން ތިބިތަނެއް ހޯދާ ހެކިބަސް ނެގުމަށްޓަކައި ޝަރީއަތުން މުއްދަތެއް ވަނީ ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތާއި ފުލުހުން ގުޅިގެން އެ މީހުން ހޯދުމަށް ކުރި މަސައްކަތަށް ކުރި އެރުމެއް ނުލިބުނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލަ އާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ މިކަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މެޑިކަލް ރިޕޯޓުގެ އިތުރުން މި މައްސަލަ ތަހުގީގު ކުރި ފުލުހެއްގެ ހެކިބަހެވެ.

މެޑިކަލް ރިޕޯޓާއި ގުޅިގެން ހެކިބަސް ނަގާފައިވަނީ މިހާރު މަހިބަދޫ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އަންނަ މެޑިކަލް އޮފިސަރުގެ އެވެ. މެޑިކަލް ރިޕޯޓަށް ހަވާލާދީ ހެކިބަސް ދެމުން އޭނާ ބުނީ ޕަތުމްގެ މޭމަތީގެ ވާތްފަރާތަށް ޒަހަމެއް ލިބިފައިވާ ކަމަށާއި އަދި އެ ޒަހަމުގައި 1.8 އިންޗް ދިގުމިނުގައި އަދި 1 އިންޗް ފުޅާ މިނުގައި ހުރި ކަމަށެވެ. އަދި ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ހޮސްޕިޓަލަށް ގެނައުމުގެ ކުރިން ވެސް އެއްލައިދޫ ކްލިނިކް އިން އޭނާއަށް އަވަސް ފަރުވާ ދިން ކަން ރިޕޯޓުތަކުން ދައްކާ ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ހޮސްޕިޓަލުން ފަރުވާއެއް ދިން ކަމަށް ނުބެލެވޭ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

ފުލުހުންގެ ފަރާތުން ހެކިބަސް ދެމުން ފުލުސް އޮފިސަރު ބުނީ ތަހުގީގު މަރުހަލާގައި ހަތް ނުވަތަ އަށް މީހުންގެ ބަޔާން ނެގިފައިވާ ކަމަށެެވެ. އަދި އެ ތަނުން ދެ މީހަކީ ހާދިސާ ހިނގި ވަގުތު އެ ތަނުގައި ހާޒިރުވެ ތިބި ދެމީހުންނެވެ. ޖަނަކަަ ހަމަލާ ދިނީ ހަ އިންޗް ހުރި ވަޅިއަކުން ކަން މި ބަޔާންތަކުން އިނގޭ ކަމަށް އޭނާ ބުންޏެވެ. މި ދެ މީހުންގެ މެދުގައި ކުރިން މައްސަލައެއް ޖެހިފައިވާ ކަމެއް ވެސް އިނގެން ނެތް ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާން އެވެ. އަދި މި މައްސަލައިގައި ދެން ހުށައަޅާފައިވާ ހެކިންތައް ތިބި ތަން ނޭންގުމުގެ ސަބަބުން އެމީހުންގެ ހެކިބަސް ނުނަގާ ގޮތަށް މިއަދު ނިންމެވި އެވެ. އަދި އެ މީހުންގެ ހެކިބަސް ނެގުމަށް އެކަށީގެންވާ ވަގުތު ދެވުނުކަން ވެސް ޝަރީއަތުން ފާހަގަކުރި އެވެ.

މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިބަހާއި ބެހޭގޮތުން ދެފަރާތުން ވާހަކަދެއްކުމާއި އަދި ހުލާސާކޮށް ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމެވެ. އަދި އަންނަ މަހުގެ ދެވަނަ ހަފްތާއަށް އަޑުއެހުން ތާވަލުކުރައްވާނެ ކަމަށް ވެސް ގާޒީ އިހުސާން ވިދާޅުވި އެވެ.