Advertisement

އިންޓަ މޮޅުވެ ނަޕޯލީއާ ފަރަގުކުޑަކޮށްފި

6 އޮކްޓޯބަރު 2024 - 09:39 0


އިންޓަ މޮޅުވެ ނަޕޯލީއާ ފަރަގުކުޑަކޮށްފި

6 އޮކްޓޯބަރު 2024 - 09:39 0

ޓިއުރިން (އޮކްޓޫބަރު 6) - ޓޮރިނޯ އަތުން 3-2 އިން މޮޅުވެ، އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

ހުކުރު ދުވަހުގެރޭ ނަޕޯލީން ވަނީ ކޯމޯ އަތުން 3-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ރަނގަޅު ލީޑެއް ނަަގައިފަ އެވެ. އެކަމަކު، ރޭ އިންޓަ މޮޅުވުމުން އެ ލީޑުވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. އެންޓޯނިއޯ ކޮންޓޭ ކޯޗުކޮށްދޭ ނަޕޯލީ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ އަށް ހަތް މެޗުން ވަނީ 14 ޕޮއިންޓް ލިބިފަ އެވެ.

އިންޓަ ދަނޑުގައި ރޭ ޓޮރިނޯ އިން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 20 ވަނަ މިނިޓްގައި އިންޓަގެ މާކަސް ތުރާމް އަށް ކުރި ނުރައްކާތެރި ފައުލަކަށް ގިލެރްމޯ މަރިޕަން އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

މި މެޗުގައި އިންޓަގެ ތިން ގޯލު ޖަހައި، ތުރާމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ޓޮރިނޯ އިން ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން އިންޓަ އަށް ޕްރެޝަރުކޮށްފަ އެވެ. ތުރާމް، އިންޓަގެ ފުރަތަމަ ދެ ގޯލު ޖެހިތަނާ، ޓޮރިނޯގެ ފުރަތަމަ ލަނޑު ޖެހީ ޑުވާން ޒަޕަޓާ އެވެ.

މެޗުގައި، ތުރާމް، ހެޓްރިކް ފުރިހަމަކުރި ފަހުން، ޓޮރިނޯގެ ދެ ވަނަ ލަނޑު ޖެހީ، ޕެނަލްޓީ އަކުން ނިކޮލަ ވްލަސިޗް އެވެ. މިއީ، އިންޓަގެ ހަކަން ޗަނޮނޮގްލޫ އެ ޓީމުގެ އޭރިއާތެރެއިން ޓޮރިނޯގެ އެޑަމް މަސީނާ އަށް ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ.

އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސް އިން ކުޅޭނީ ކަލިއަރީއާ އެެވެ. ރޯމާ އިން މޮންޒާއާ ބައްދަލުކުރާއިރު، އޭސީ މިލާނުން ރަށުންބޭރުގައި ނުކުންނާނީ ފިއޮރެންޓީނާއާ ދެކޮޅަށެވެ.