Advertisement

އަލޮންސޯގެ 100 ވަނަ މެޗުން ލެވަކޫސަން އަތުން ޕޮއިންޓް ގެއްލިއްޖެ

6 އޮކްޓޯބަރު 2024 - 08:36 0


އަލޮންސޯގެ 100 ވަނަ މެޗުން ލެވަކޫސަން އަތުން ޕޮއިންޓް ގެއްލިއްޖެ

6 އޮކްޓޯބަރު 2024 - 08:36 0

މިއުނިކް (އޮކްޓޫބަރު 6) - ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު 100 ވަނަ މެޗުގައި ރޭ، ޖަރުމަނު ލީގުގައި ހޯލްސްޓަން ކިއެލްއާ 2-2 އިން އެއްވަރުވެއްޖެ އެވެ.

މިދިޔަ ސީޒަނުގައި މެޗަކުން ބަލިނުވެ ލީގުގެ ޗެމްޕިއަންކަން ހޯދި ލެވަކޫސަނަށް މި ސީޒަންގެ ފެށުން އެންމެ ރަނގަޅެއް ނޫނެވެ. ލައިޕްޒިގު އަތުން ބަލިނުވެ، 35 މެޗަށް ފަހު ލީގުގައި ފުރަތަމަ ފަހަރަށް ލެވަކޫސަނަށް މެޗަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު، ރޭގެ މެޗުގައި ވެސް މި ވަނީ ޕޮއިންޓް ގެއްލިފަ އެެވެ.

ރޭގެ ނަތީޖާއާ އެކު، ލެވަކޫސަން އޮތީ ހަ މެޗުން 11 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. މި ހަފްތާގެ މެޗުތައް ނިމޭއިރު އެ އަށް ވުރެން ފަހަތަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއް ވަނައިގައި އޮތް ބަޔާނުން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ލެވަކޫސަނާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އޮންނާނެ އެވެ.

ލެވަކޫސަަނުން ރޭގެ މެޗު ފަށައިގެން އަށް މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ލަނޑުތައް ޖެހީ ވިކްޓަ ބޮނިފޭސް އާއި ޖޮނަސް ހޮފްމަން އެވެ. ހޮލްސްޓަން ކިއެލް އިން ލަނޑުތައް ޖެހީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގަޔާއި ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ލަނޑު ޖެހީ، މެކްސް ގެޝްވިލް އެވެ. އަދި ދެ ވަނަ ހާފުގައި ޕެނަލްޓީ އަކުން ލަނޑު ޖެހީ، ޖެން ފިއޭޓޭ އާޕް އެވެ.

ލެވަކޫސަންގެ ކޯޗެއްގެ ގޮތުގައި އަލޮންސޯ ވަނީ 100 މެޗުގެ ތެރެއިން 67 މެޗުން މޮޅުވެފަ އެވެ. އަދި 21 މެޗުން އެއްވަރުވިއިރު، 12 މެޗުން ބަލިވި އެވެ.