Advertisement

ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހި މުޖްތަމައުގައި މޫލާފައި، ދައުލަތަށް ވެސް އިންތިހާ ގެއްލުންވޭ: ރައީސް

ރައީސް މުއިއްޒު މިއަދުގެ ޖަލްސާގައި: އިލްތިމާސް ކުރެއްވީ ދޮގާއި ދޮގު ހަބަރު ފެތުރުމަށް ފައިސާ ހަރަދު ނުކުރަން -- ފޮޓޯ: ރައީސް އޮފީސް


ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހި މުޖްތަމައުގައި މޫލާފައި، ދައުލަތަށް ވެސް އިންތިހާ ގެއްލުންވޭ: ރައީސް

ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހި މުޖްތަމައުގައި މޫލާފައި ކަމަށާއި ބައެއް ފަހަރު ފަތުރާ ދޮގު ހަބަރުތަކުގެ ސަބަބުން ދައުލަތަށް ވެސް އިންތިހާ ގެއްލުންވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވިތާ 898 ވަނަ އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދޮގާއި ދޮގު ފެތުރުމަކީ ދިވެހި މުޖްތަމައަށް އޮތް "ބޮޑު ހަލާކެއް" ކަމަށެވެ. ދޮގު ފަތުރާ މީހުން އެ މަސައްކަތް ކުރަނީ ދުނިޔަވީ މަންފާއަކަށްޓަކައި، ކުޑަ ލާރިކޮޅަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމަށް ބަލައިލިޔަސް އެ ދެއްކެނީ އަދުގެ ދިވެހި މުޖްތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި އާޑަފުރައްސާރަ އާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބަ އުޅޭ. ލިބޭ ވަގުތީ، ދުނިޔެވީ މަންފާއަށްޓަކައި. ކުޑަ ލާރިކޮޅަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް ފަހަރު ފަތުރާލާ ދޮގު ހަބަރުތަކުގެ ސަބަބުން މުޅި ދައުލަތަށް ވެސް "އިންތިހާ" ގެއްލުން ލިބިފައިވާ ކަމަށެވެ.

"ބައެއް ފަހަރު ފަތުރާލާ ދޮގު ހަބަރުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި،" އެމަނިކުފާނު ވިދާޅުވި އެވެ.

ދޮގާއި ދޮގު ހަބަރު ފަތުރަން ތިމާއަށް ﷲ ދެއްވާފައިވާ މުއްސަނދިކަން ހޭދަ ނުކުރަން ވެސް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.

"ތިޔައިން ކޮންމެ ބޭފުޅަކު ވެސް މިވަގުތު، މިތާނގައި އަމިއްލަ ނަފްސުގެ މައްޗަށް ވައުދުވެވަޑައިގަތުން ދޮގު ހެދުމާއި ދޮގު ހަބަރު ހެދުމާއި އާޑަފުރައްސާރަތަކުގައި ބައިވެރިނުވާން އަޒުމް ކަނޑައެޅުން. އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ރިޒުގާއި މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަ ނުކުރެއްވުން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވީ މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާ ކުރަމުން އައި ދުވަސްވަރެއްގައި ކަމަށެވެ.

"ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވަނީ، މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން އެނގޭ. ދިވެހީން އެ ނުރައްކާ އަންނަ ފަރާތުގެ ދީނާއި ސަގާފަތުން މުޅިން ވަކިވެ އަމާންވެގަތީ. ދިވެހީން އެދުވަހު އެ ކުރިކަމަކީ ހުރިހައި ސަލާމަތަކާއި ރައްކާތެރިކަމެއް މާލިކުވަންތަ ﷲގެ ހަޒްރަތުން ކަށަވަރުކުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.