Advertisement

ޔުނައިޓެޑް ސަލާމަތްކޮށްދިނީ މެގުއާ

4 އޮކްޓޯބަރު 2024 - 10:14 0


ޔުނައިޓެޑް ސަލާމަތްކޮށްދިނީ މެގުއާ

4 އޮކްޓޯބަރު 2024 - 10:14 0

ލިޒްބަން، ޕޯޗުގަލް (އޮކްޓޫބަރު 4) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިވާން ދަނިކޮށް، އިތުރު ވަގުތުގައި ހެރީ މެގުއާ ޖެހި ގޯލުން 3-3 އިން ޕޯޓޯއާ އެއްވަރުވެ، ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ޔޫރޮޕާ ލީގުގައި މި ފަހަރު ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ޓްވެންޓޭއާ އެއްވަރުވުމުން ފާޑުކިޔުން އަމާޒުވި ޔުނައިޓެޑުން ރޭ ޕޯޓޯއާ ދެކޮޅަށް ރަށުންބޭރުގައި ފެށީ ވަރަށް ރަނގަޅަށެވެ. އެ ގޮތުން، މާކަސް ރަޝްފޯޑާއި ރަސްމުސް ހޮއިލުންޑް ޖެހި ގޯލުތަކުން، ޔުނައިޓެޑުން، 20 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގި އެެވެ.

އެކަމަކު، ހަތް މިނިޓް ތެރޭ ދެ ގޯލު ޖަހައި، ޕޯޓޯ އިން ވަނީ އެއްވަރުކޮށްފަ އެވެ. އެ ގޮތުން، ޕޯޓޯގެ ފުރަތަމަ ލަނޑަކީ 27 ވަނަ މިނިޓްގައި އޭރިއާތެރެއިން، ރީބައުންސަކުން ޕެޕޭ ޖެހި ގޯލެކެވެ. އޭގެ ހަ މިނިޓް ފަހުން، ސަމޫ އޮމޮރޮޑިއޯން ވަނީ ލަނޑެއް ޖަހައި، ޕޯޓޯ އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭ އިތުރު ގޯލެއް ޖަހައި، އޮމޮރޮޑިއޯން ވަނީ ޕޯޓޯ އަށް ލީޑުނަަގައިދީފަ އެވެ.

ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް 81 ވަނަ މިނިޓްގައި ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ފެނާންޑޭސް އަށް ވަނީ މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރަތް ކާޑެއް ދައްކައިފަ އެވެ. އެ ރަތް ކާޑު އެޕީލްކޮށް، ޔުނައިޓެޑުން ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި، އެއްވަރުކޮށްފަ އެެވެ. ބަދަލަކަށް ކުޅެން އެރި މެގުއާ މި ލަނޑު ޖެހީ، ކްރިސްޓިއަން އެރިކްސަން ނެގި ކޯނަރަކުން ބޮލުންނެވެ.

ޔޫރޮޕާ ލީގުގައި ރޭ ޓޮޓެންހަމް އިން ވަނީ، 2-1 އިން ފެރެންޝްވަރޯޝް ބަލިކޮށްފަ އެވެ. ޕަޕޭ ސާ އާއި ބްރެނަން ޖޯންސަން ޓޮޓެންހަމް އަށް ލަނޑު ޖަހައިދިން މި މެޗުގައި، ފެރެންޝްވަރޯޝްގެ ލަނޑު ޖެހީ، ބާނަބާސް ވާގާ އެވެ.

ކޮންފަރެންސް ލީގުގައި ޗެލްސީން ވަނީ 4-2 އިން ގެންޓް ބަލިކޮށްފަ އެވެ. ޗެލްސީގެ ލަނޑުތައް ޖެހީ، ރެނާޓޯ ވެއިގާ، ކްރިސްޓޮފް އެންކުންކޫ، ކިއެރަން ޑިއުސްބަރީ ހޯލް އަދި ޕެޑްރޯ ނެޓޯ އެވެ. ގެންޓްގެ ލަނޑުތައް ޖެހީ، ސުޔޯސީ ވަޓަނާބޭ އާއި އޮމްރީ ގަންޑޭލްމަން އެވެ.