Advertisement

ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ އަށް ބޮޑު މޮޅެއް، ބީއެމްއެލް އާއި މޯލްޑިވިއަން ނޮކައުޓަށް

4 އޮކްޓޯބަރު 2024 - 09:50 0

ބީއެމްއެލް ޓީމުގެ ސައްޓު. ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ އަށް ބޮޑު މޮޅެއް، ބީއެމްއެލް އާއި މޯލްޑިވިއަން ނޮކައުޓަށް

4 އޮކްޓޯބަރު 2024 - 09:50 0

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ރޯޑް ރެކްރިއޭޝަން ކްލަބުން 12-0 އިން ފަހި ރެކްރިއޭޝަން ކްލަބް ބަލިކޮށް ބޮޑު މޮޅެއް ހޯދިއިރު، ޔުނައިޓެޑް ބީއެމްއެލް އާއި މޯލްޑިވިއަން އިން ނޮކައުޓް ބުރުން ފުރުސަތު ހޯދައިފި އެވެ.

އާރްއާރްސީ ހިމެނޭ، ގްރޫޕް އީގައި ރޭ މޯލްޑިވިއަނުން ވަނީ 3-2 އިން އުރީދޫ ބަލިކޮށްފަ އެވެ.

ގްރޫޕް އެފްގައި ޔުނައިޓެޑް ބީއެމްއެލް އިން 8-1 އޭޑީކޭ ސިނާޖީ އަތުން މޮޅުވިއިރު، ދިވެހި ސިފައިންގެ ކްލަބުން ވަނީ ޓީމު އެމްޓީސީސީ އަތުން 3-0 އިން މޮޅުވެފަ އެވެ.

އާރްއާރްސީގެ އަހުމަދު ރިޒްވާން (ރިޒޭ)، އަލީ ހާފިޒް (ހާއްޕެ)، އަދި އަބްދުﷲ ޔާމީން (ޔާނު)، ކޮންމެ ކުޅުންތެރިއަކު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ، އިބްރާހިމް ސިނާހު ދެ ގޯލުގެ އިތުރުން، ހުސެއިން ގައްސާމް ލަބީބް (ހުސީ) ގޯލެކެވެ.

މޯލްޑިވިއަނަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު އަފްލާޒް، އިބްރާހިމް އައިސަމް އަދި މުހައްމަދު އަނާން އެވެ. އުރީދޫގެ ލަނޑުތައް ޖެހީ، ހުސެއިން ޝަރީފް އާއި މުހައްމަދު ރާއިފް ފަޒީލް އެވެ.

ފަހި ޓީމުގެ ރަޔާން ޓެކަލްކޮށްގެން އާރްއާރްސީގެ ޔާމީން ހުއްޓުވަން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ގްރޫޕް އީގެ އެއް ވަނަ އާރްއާރްސީން ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި މޯލްޑިވިއަން އަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި އުރީދޫގެ އޮތީ ތިން ޕޮއިންޓެވެ. ފަހި ކޯޕަރޭޝަން އަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެެވެ.

ބީއެމްއެލް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އިޝާން އިބްރާހިމް (ސައްޓު)، އަލީ އުޒައިރު މުހައްމަދު، ޒައިން ޒަފަރު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި، މުހައްމަދު ފާލިލް ފާއިގް އަދި އިސްމާއިލް އަލީފް އަހުމަދު އެވެ. އޭޑީކޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ، މުހައްމަދު އިރާޝް އެވެ.

މި ގްރޫޕް އަނެއް މެޗުގައި، ދިވެހި ސިފައިންގެ ކްލަބަށް ގޯލުތައް ޖަހައިދިނީ، މުހައްމަދު މުއާދު، ފަހުމާން އަބްދުލް ހަމީދު އަދި މުޝްރިފު މުހައްމަދު އެވެ.

ގްރޫޕްގެ އީގެ އެއް ވަނަ ދިޔަ ބީއެމްއެލް އާއި ދެ ވަނަ ހޯދި ސިފައިންނަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ބީއެމްއެލްގެ ފައިދާ 12 ގޯލު އޮތްއިރު، ސިފައިންނަށް ލިބުނީ ފައިދާ 10 ގޯލެވެ. ތިން ވަނަ ހޯދި އޭޑީކޭ އަށް ތިން ޕޮއިންޓް ލިބުނުއިރު، އެމްޓީސީސީ ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުޅުން މިރޭ ނިމޭނެ އެވެ. އެމްޕީއެލް އިން އާރްއޯއެލްއާ ކުޅޭއިރު، ވެމްކޯ ބައްދަލުކުރާނީ މޯލްޑިވްސް އިސްލާމިކް ބޭންކް އެވެ.